މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެހީ ބޭނުންވާ ކަމަށް ޔޫއެންޑީޕީގެ ގުޑްވިލް އެމްބެސެޑާ އަދި އެޗްބީއޯގެ ސީރީސް، "ގޭމް އޮފް ތްރޯންސް"ގެ ތަރި ނިކޮލައި ކޮސްޓާ ވާލްޑޫ ފިއެވެ.
ނިކޮލައި ކޮސްޓާ ރާއްޖެއަށް އައިސްފައި ވަނީ ޔޫއެންޑީޕީން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ "ކްލައިމެޓް އެކްޝަން ޖާނީ" އިފްތިތާހު ކޮށްދިނުމުގެ ގޮތުންނެވެ. އާދިއްތަ ދުވަހު އޭނާ ރާއްޖެ އައިސްފައިވާއިރު އެއާޕޯޓުން އޭނާއަށް މަރުހާބާ ކިޔާފައި ވަނީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާއެވެ.
ރާއްޖެ އައުމަށް ފަހު އޭނާވަނީ ލ. މާބައިދޫއަށް ދަތުރެއް ކޮށްފައެވެ. މި ދަތުރަށް ފަހު އޭނާގެ އަމިއްލަ އިންސްޓަގްރްމް ޕޭޖުގައި އޭނާ ލިޔުނު ޕޯސްޓެއްގައި ވަނީ މާބައިދޫއަށް ކުރި ދަތުރުގައި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތި ވަމުންދާ ނޭދެވޭ އަސަރުތައް ވަރަށް ރަނގަޅަށް ފެނިފައިވާ ކަމަށާއި މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށް ރާއްޖޭގެ ރަށްތަކަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ނިކޮލައި ކޮސްޓާ ވަނީ މި ދަތުރުގައި މާބައިދޫގެ ދަނޑުބިންތަކާއި އެ ރަށުގެ ގިރަމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައެވެ. އޭނާ ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހުރިހާ އެންމެނަށް ވެސް އަސަރުކުރާ ކަމަށާއި ރާއްޖޭގެ ރަށްތަކަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ބައިނަލްލަގްވާމީ ޖަމިއްޔާތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ޔޫއެންޑީޕީގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ އަންނަނީ ބަނޑުހައިހޫނު ކަމާއި އެކިއެކި ތަފާތުކުރުންތަށް ނައްތާލުމުގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޔޫއެންޑީޕީއިން ހިންގާ ތަފާތު ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ.
"ގޭމް އޮފް ތްރޯންސް"ގައި މުހިންމު ރޯލެއް ކުޅެމުންދާ ނިކޮލައި ކޮސްޓާ ޔޫއެންޑީޕީގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.