ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
އެއްމިލިޔަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި މި ވަނީ ޖޫރިމަނާގެ ފައިސާ މިއަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުއެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު ރާއްޖެޓީވީގެ ވަކީލް މުހައްމަދު ނިޝާން ވިދާޅުވީ ރާއްޖެޓީވީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފައިވާ ކަމަށެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު މައްސަލައިގެ ފީ ދެއްކުމަށް ކޯޓަށް ސްލިޕް ދީފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ.
ވަކީލް ވިދާޅުވި ގޮތުގައި މައްސަލާގައި އެދިފައި ވަނީ ބްރޯޓްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާ ކުރިކުރުން ބާތިލްކޮށް އެ ފައިސާ އަނބުރާ ރާއްޖެޓީވީ އަށް ދިނުމަށް ބްރޯޑްކޮމްގެ މައްޗަށް ހުކުމް ކުރުމަށް ކަމަށެވެ.
ވަކީލް ވިދާޅުވީ ސިވިލް ކޯޓުގެ އުސޫލްތައް އޮންނަ ގޮތުން އެންމެ ފުރަތަމަ މައްސަލަ ކުރިއަށްދާނީ ޑިސްޕިއުޓް މަރުހަލާގައި ކަމަށާއި އެ މަރުހަލާގައި ކުރިއަށްދާނީ ދެ ފަރާތް ވާހަކަ ދައްކައިގެން މައްސަލަ އަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ދެ ފަރާތް ވާހަކަ ދައްކައިގެން މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ ދެން އެ މައްސަލަ ފޮނުވާނީ ޝަރީޢަތަށް ކަމަށް ވަކީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، އޭގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދެއްކި ދުވަހުއެވެ. އަދި އެ މައްސަލަ ވެސް ރާއްޖެޓީވީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައި ވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށް ބްރޯޑްކޮމް އިން ނިންމާފައި ވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.