ކުދި ވެލާތަކެއް ގެންގުޅުނު މީހަކު 149،000 ރުފިޔާއިން ޖޫރިމަނާކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.
ވެލާތަކެއް ގެންގުޅުނު މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ ރ. މާކުރަތު، ހަކި، މުހައްމަދު މުސްތަފާ އެވެ. މުސްތަފާ ޖޫރިމަނާކޮށްފައި ވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.
އީޕީއޭ އިން ބުނި ގޮތުގައި ހިފައި އަދި ގެންގުޅުން ވެސް މަނާ ވެލާތަކެއް މުސްތަފާ ގެންގުޅުނުކަން ފުލުހުންގެ ބަޔާނުން އެނގެން އޮންނަ ކަމަށެވެ.
އީޕީއޭ އިން ބުނާ ގޮތުގައި 12 ކުދި ވެލާ އޭނާ ގެންގުޅެފައި ވެއެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން ދިރޭތަކެތީގެެ ނަސްލު ރައްކާތެރި ކުރުމުގެ ގޮތުން ވެލާ، ކަހަނބުގެ ހުރިހާ ބާވަތެއް ހިމާޔަތް ކުރެވިފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.