ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސިންގަޕޫރުގައި ބޭސްފަރުވާ ކުރެއްވުމަށް ސަރުކާރުން ދިން މުއްދަތު މިއަދު ހަމަވާއިރު، މުއްދަތު އިތުރުކުރުމާ އަދިވެސް ގޮތެއް ނުނިންމާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފި އެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ވެސް އަދި އިތުރުކޮށް ނުދިނުމަށް ވެސް ނިންމާފައި ނުވާ ކަމަށާއި، މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ މިއަދު އެނބުރި ރާއްޖެ ވަޑައިގަންނަވަންޖެހޭނެ ކަމަށެވެ.
ބޭސްފަރުވާއަށް ފޮނުވާ ގައިދީއަކު މުއްދަތު ހަމަވުމުން ވެސް އެނބުރި ރާއްޖެ ނައިސްފި ނަމަ، އެ މީހަކު ރާއްޖެ ގެނެއުމަށް ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދެ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ދީފައިވާ މުއްދަތުގައި ގާސިމް ރާއްޖެ ވަޑައިނުގެންފި ނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަމަލުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމުން ގާސިމް ސިންގަޕޫރަށް ވަޑައިގަތީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން، ކަރެކްޝަނުން ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއަށް ފަހު ބޭސްފަރުވާގެ މުއްދަތަށް ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރު ކޮށްދިނެވެ. އެ މުއްދަތު ހަމަވަނީ މިއަދަށެވެ.
ސިންގަޕޫރުގައި ޓެސްޓުތަކެއް ހެދުމަށް ފަހު ސެޕްޓެމްބަރު 20 ވަނަ ދުވަހު ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވެ އެވެ. އޮޕަރޭޝަނަށް ފަހު ތިން މަސްދުވަސްވަންދެން އެގައުމުގައި މަޑުކުރެއްވުމަށާއި ޓެސްޓްތައް ހެއްދެވުމަށް ޑޮކްޓަރުން ވަނީ ގާސިމަށް ލަފާދެއްވާފައެވެ.
ގާސިމް ތިން އަހަރާ ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު ގާސިމާއި ގާނޫނީ ވަކީލުންގެ ވެސް ޣައިރު ހާޒިރުގަ އެވެ. އެ ހުކުމް ކޮށްފައި ވަނީ ކޯޓު ތެރެއަށް ވެއްޓި ވަޑައިގަތުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ގާސިމަށް ފަރުވާ ދެމުންދަނިކޮށެވެ.