ޕްރޮސެކިއުޓަރ ޖެނެރަލް އަމުރުކޮށްގެން ހިންގާ ތަހުގީގުތަކުގެ މައުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލާ ހިއްސާކުރަންޖެހޭ ގޮތަށް، ދައުވާކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
"ޕްރޮސެކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދަކީ" ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާގެ 'ހ' ގެ ދެ ވަނަ ނަންބަރާ ހަވާލާދީ، ޖިނާއީ މައްސަލަތަކުގައި ދައުވާ އުފުލުމާއި ދައުވާ ކުރުމާގުޅޭ ކަންކަމުގައި އަމަލުކުރަންވީ ތަފްސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި، ޖިނާއީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުގެ ހައިސިއްޔަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރުމަށްޓަކައި ކަނޑައަޅަންޖެހޭ ތަފްސީލީ އިޖުރާއަތުތައް ބަޔާންކުރުމާއި އެ ގާނޫނުގައިވާ ގޮތުގެމަތިން ހިފެހެއްޓޭ އެއްޗެހި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އުސޫލު ކަނޑައަޅާ ގަވާއިދެވެ.
އާދިއްތަ ދުވަހު ގެޒެޓް ކުރި ގަވާއިދުގައިވާ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ތަހުގީގުކޮށްފައިވާ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރެވިފައިވާކަމަށް ބެލެވޭނީ، ކުށުގެ އުންސުރުތަކާއި، ކުށުގެ ނިޔަތާ ގުޅޭގޮތުން ފުރިހަމަވުމަށް ކުށް ބަޔާންކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަހުގީގުކޮށްފައިވާނަމައެވެ. އަދި މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަންނާނީ، އެގޮތުގެ މަތިން އެ މައްސަލައެއްގެ ތަހުގީގު ފުރިހަމަވުމުންނެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެ ހާލަތެއްގައި ޝަކުވާ ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ތަހުގީގު ކުރާ އިދާރާއަށް މައްސަލަ ހުށަހެޅުމުން އެ އިދާރާއިން އެ މައްސަލަ ބަލައިނުގަތުން ނުވަތަ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ގެންގޮސްފައިނުވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތަށް ގަބޫލުކުރެވޭނަމަ ޕީޖީއަށް ޝަކުވާ ހުށަހެޅިދާނެ އެވެ.
ވަކި ހާއްސަ ފޯމެއް މެދުވެރިކޮށް ޝަކުވާ ހުށަހަޅަންޖެހޭއިރު، ޝަކުވާއެއް ޕީޖީއިން ބަލައިގަންނަތާ ރަސްމީ މަސައްކަތު ހަތް ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމަންޖެހެ އެވެ. ޕީޖީގެ އޮފީހަށް ހުށަހެޅޭ ޝަކުވާއެއް ބެލުމަށްފަހު، އެ މައްސަލައަކީ ތަހުގީގުކުރަންޖެހޭފަދަ މައްސަލައެއްކަމަށް ޕީޖީ ކަނޑައަޅައިފިނަމަ، ޝަކުވާ ހުށަހެޅުނު މައްސަލަ ތަހުގީގުކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް އަމުރުކުރަން ވެސް ޖެހެ އެވެ.
ޝަކުވާ ހުށަހެޅުނު މައްސަލަ ތަޙުޤީޤުކުރުމަށް އެ މައްސަލައެއް ހުށަހެޅުުނު އިދާރާއަށް ޕީޖީ އަމުރުކޮށްފިނަމަ، އެ މައްސަލަ ތަހުގީގުކުރުމަށް އިންވެސްޓިގޭޓިންގ އޮފިސަރެއް ކަނޑައަޅައި، ހަތް ދުވަހުގެ ތެރޭގައި އެ އިދާރާއަކުން ޕީޖީއަށް އަންގަންޖެހެ އެވެ. އަދި އެއަށްފަހު، އެ މައްސަލައަކާ ގުޅޭގޮތުން ޕްރޮސިކިއުޓަރެއް ޢައްޔަންކޮށް، އެ މައްސަލަ ތަހުގީގުކޮށް ޕީޖީގެ އޮފީހަށް ހުށަހެޅެންދެން ތަހުގީގީ އިދާރާގެ އިންވެސްޓިގޭޓިންގ އޮފިސަރު ކޮންމެ 15 ދުވަހަކުން ޕްރޮސިކިއުޓަރަށް ތަޙްޤީޤުކުރެވޭ މިންވަރު އަންގަމުން ގެންދަންވެސް ޖެހެ އެވެ.
ޕީޖީގެ އޮފީހަށް ހުށަހެޅޭ ޝަކުވާއެއް ބެލުމަށްފަހު، އެ ތަހުގީގަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަމެއް އޮތްކަމަށް ޕީޖީއަށް ފެންނަނަމަ، އެ ކަންކަން ރަނގަޅު ކުރުމަށް އެ މައްސަލައެއް ހުށަހެޅުނު އިދާރާއަށް އަމުރުކުރަން ޖެހެ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ދައުވާ ފޯމުގައި ކުށެއް އޮތްކަމަށް ފާހަގަކުރެވޭނަމަ، ކޯޓުން އެ މައްސަލައެއް އަނބުރާ ގެނައުމުގެ ބަދަލުގައި ދައުވާ ފޯމުން އެ ކުށެއް އިސްލާހުކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
މީގެ އިތުރުން އިބްތިދާއީ އަޑުއެހުމުގެ ކުރިން ދަޢުވާ ލިބޭފަރާތަށް އެކަށީގެންވާ ނޯޓިސް ދިނުމަށްފަހު، ދައުވާގައި ފުރަތަމަ ހިމެނުނު ކުށް ނުވަތަ ކުށްތައް ބިނާވެފައިވާ އަމަލުގެ މައްޗަށް އިތުރުކުރެވޭ ކަންކަން ބިނާވެފައިވާނަމަ މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު ވެސް ދަޢުވާގައި ހިމެނޭ ތަފްޞީލުތަކަށް ބަދަލުގެނެސް، ނުވަތަ ދަޢުވާގައި އިތުރު ކުށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހިމެނިދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.