އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އެކްސަސައިޒް "ޖައްރާފާ" ކާމިޔާބުކަމާއެކު އާދިއްތަ ދުވަހު ނިންމާލައިފިއެވެ.
މާލެ އާއި ހުޅުމާލެއާއި ވިލިމާލެ އަދި ތިލަފުށީގެ އިތުރުން މާލެ ސަރަހައްދުގެ ކަނޑުމަތީގައި އެފްއާރުއެސް އިން ދެދުވަހުގެ މުއްދަތަށް ހިންގި މި އެކްސަސައިޒުގައި ތަފާތު އެކިއެކި އަލިފާނުގެ ހާދިސާތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާނެގޮތްތައް ވަނީ ފަރިތަކޮށްފައެވެ.
މި އެކްސަސައިޒަކީ ޚާއްސަގޮތެއްގައި އުސް އިމާރާތެއްގައި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުގައި އަލިފާންނިވާ މީހުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި އަދި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާގޮތް ދެނެގަތުމަށާއި، ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ދަސްކޮށް، އެކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތައް ހޯދުމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ހިންގި އެކްސަސައިޒެއެއް ކަމަށް އެފްއާރުއެސް އިން ބުނެއެވެ.
"އެކްސަސައިޒް ޖައްރާފާ" ގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ، ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަން، ވިލިމާލެ ހޮސްޕިޓަލް، ވިލިމާލެ ރަށު ކައުންސިލް، ހުޅުމާލެ ހޮސްޕިޓަލް، ތިލަފުށި ކޯރޕަރޭޝާން، އޭޑީކޭ ހޮސްޕިޓަލް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މި މުއައްސަސާތަކުން ވަނީ ބައިވެރި ވެފައެވެ.
އެކްސަސައިޒް "ޖައްރާފާ"ގެ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ބައެއް ތަމްރީނުތައް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ހޮނިހިރު ދުވަހު ވަނީ ބައްލަވާލައްވާފައެވެ.