ހައުސިންގ މިނިސްޓްރީން ރަސްރަނި ބަގީޗާ ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމް ދޫކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ރަސްރަނި ބަގީޗާގައި އެކި އެކި ހަރަކާތްތައް ބޭއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާއި އެ ސަރަަހައްދުތަކުގައި އެ ހަރަކާތްތައް ބޭއްވުމަށްޓަކާ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަސްރަނި ބަގިޗާ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރަންޖެހޭނެ ކަަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.
ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އެހެން އިއުލާނެއްގައި ވަނީ ވިޔަފާރީގެ ހަރަކާތްތަކަށާއި އެހެނިގެން ހަރަކާތްތަކަށް ރަސްރަނި ބަގީޗާ ކުއްޔަށް ދޫކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުތައް ހާމަކޮށްފަ އެވެ.އެގޮތުން އެމްފިތިއޭޓަރ ސަރަހައްދުގައި ވިޔަފާރި ހަރަކާތެއް ބޭއްވުމަށް ދޫކުރަނީ ގަޑިރިރަކަށް 1000ރ. އަށެވެ. އިޖްތިމާއީ ހަރަކާތެއް ނަމަ ގަޑިއިރަކަށް 500ރ. އަށް ދޫކުރާ އިރު ކުޑަކުދިންގެ ހަވީރާއި ސްކޫލުތަކުންނާއި ޖަމިއްޔާތަކުން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެ ސަރަހައްދު ހިލޭ ދޫކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ރަސްރަނި ވިއުގެ ފުރަތަމަ ފަންގިފިލާ ވިޔަފާރި ހަރަކާތަކަށް ގަޑިއިރަކަށް 500ރ. އަށް ދޫކުރާ އިރު ސަރުކާރު އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށް ގަޑިއިރަކަށް 300ރ. އަށް ދޫކުރުމަށް ވަނީ ނިންމާފަ އެވެ.އަދި އަމިއްލަ ފަރުދެއް ނަމަ ގަޑިއިރަކަށް 100ރ. އަށް އެ ސަރަހައްދު ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އުފަންދުވަސް އަދި ކައިވެނި ޕާޓީތައް ބޭއްވުމަށް ރަސްރަނި އެއްކޮށް ނަގާކަމުގައިވާ ނަމަ ގަޑިއިރަކަށް 25000ރ. އަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއްވެސް ހަރަކާތަކަށް ރަސްރަނި ނެގޭނީ މަދުވެގެން އެއް ގަޑިއިރަށް ކަމަށާއި ގިނަ ވެގެން ފަސް ގަޑިއިރަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެެ. އަދި ކުއްޔަށް ދައްކަންޖެހޭ ފައިސާގެ 50 ޕަސެންޓް ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންޖެހޭނެ ކަަމަށް އެ މިނިސްޓްރީން ބުނެ އެވެ.