އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުޙޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް މުޅި ޤައުމު ގޮވާލާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރަހުމުކުޑަ، އަނިޔާވެރިގޮތަކަށް ޑރ. އަފްރާޝީމް އަލީ މަރާލެވުނުތާ ފަސް އަހަރު ފުރިގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރުހުމުކުޑަ، އަނިޔާވެރި ބަޔެއްގެ އަތްދަށުވެ ޑރ. އަފްރާޝީމް މަރާލެވުނުތާ 5 އަހަރުވެގެންދާއިރު މުޅި ޤައުމު ޑިމާންޑުކުރަނީ، އެ މަރުގެ މައްސަލާގައި ޒިންމާވާންޖެހޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްކަމަށެވެ. އަދި އެއްވެސް ޑިލޭއެއް ނެތި އެކަންކުރުމަށް މުޅި ޤައުމު ޑިމާންޑްކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
.. Nation demands that all persons responsible for his untimely death be brought to justice without further delay.
— Maumoon Abdul Gayoom (@maumoonagayoom) October 1, 2017
އަފްރާޝީމް އަވަހާރަކޮށްލީ އޮކްޓޯބަރ 1، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. އަފްރާޝީމް މަރާލި ތާރީހަށް 5 އަހަރު ފުރުނުއިރު އަދިވެސް އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދިފައެއް ނުވެ އެވެ. އެ މައްސަލާގައި ހ. ލޮބީ ހުސެއިން ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އަފްރާޝީމްގެ މަރުގެ މައްސަލަ ހުމާމްއާ ހިސާބުން ނުނިމޭކަންދޭހަވާގޮތަށް ރައީސް ޔާމީންވެސް ވަނީ ވާހަކަދައްކަވާފަ އެވެ.
ޤައުތުލުގެ ހަޤީޤަތާއި ހިމައަށް ވާސިލްވުމަށް ހުމާމް މެރުމަށް ބޭނުންނުވާކަމަށް، ޑރ. އަފްރާޝީމްގެ އާއިލާއިން ވަނީ ބުނެފަ އެވެ.