ދިވެހި ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފިއެވެ.
އާދީއްތަ ދުވަހު ޑީޖޭއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެ ހުއްދަ ދިނުމުގެ ގަވައިދުގެ ޖަދުވަލް 1 ގައި ވާގޮތަށް "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށް ފަހު ހުށައެޅުމަށް އެދޭ ކަމަށެވެ.
އެއިއުލާނުގައި ބުނެފައިވާ ގޮތުގައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ މިމަހުގެ 13 ވަނަ ދުވަހެވެ. އެދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް ވަނީ ބުނެފައެވެ. އަދި އެކަމަށް އެދި ހުށަހަޅަން ޖެހޭ "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް" ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓުން އަދި ލޯޔާސް.އެމްވީން ލިބެން ހުންނާނެކަމަށްވެސް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
އެއިއުލާނުގައި ބުނެފައިވާ ގޮތުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާ މީހަކަށް ވަކާލާތު ކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ރާއްޖޭގެ އަދްލު އިންސާފްގެ ދާއިރާގައި އިސްލާހް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށް ބުނެ 56 ވަކީލަކު ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން އެ ވަކީލުން ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. އޭގެ ތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ.