ޝަރުއީ ދާއިރާއާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން "ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ދެ ވަނަ ހަރަކާތް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
ޤާނޫނީ ވަކީލުން ކުރިއާގެންދާ މި ހަރަކާތުގެ ދެ ވަނަ ހަރަކާތް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، އެ ހަރަކާތް ބާއްވާނެ ތަނަކާއި، ވަގުތު ފަހުން އާންމުކުރާނެކަމަށް ވަކީލުން ބުނެ އެވެ. އަދި ފުރަތަމަ ހަރަކާތް ކުރިއަށްގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައިކަމަށްވެސް ވަކީލުން ބުނެ އެވެ.
#DhusthooreeFasaana ge 2 vana event 9 October 2017 ga onnaane. pic.twitter.com/rvBKvKdjvo
— Dhusthooree Fasaanaa (@Fasaanaa) September 30, 2017
މި ސިލްސިލާގެ ފުރަތަމަ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ދުވަހު ކުރިއަށްގެންގޮސްފައިވަނީ ޕެނަލް ޑިސްކަޝަނެކެވެ. އެރޭގެ ޕެނަލްގައި ބައިވެރިވެފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް ހަނީފާ ހާލިދެވެ.
"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގެ އިތުރުން ގާނޫނީ ވަކީލުން މިފަހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށާއި ބަންޑާރަނައިބަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރި އެވެ. ބޮޑު ގާނޫނު އަސާސީއަކާއެކު ހުށަހެޅި ޕެޓިޝަން ބަންޑާރަނައިބުގެ އޮފީހުން ބަލައިގަތް އިރު، ސުޕްރީމް ކޯޓުން ވަނީ ޕެޓިޝަން ބަލައިނުގަނެ ވަކީލުން ސަސްޕެންޑް ކޮށްފަ އެވެ.