އުމުރުން ދުވަސްވީ މީހުން ނުވަތަ ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލައި އެ ސިޔާސަތު އިފްތިތާހު ކޮށްފިއެވެ.
ދޮށީ އުމުރުގެ މީހުންނާ ބެހޭ ގައުމީ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އާދީއްތަ ދުވަހު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހާއްސަ ތަސްމިއްޔާތުގައި ނައިބް ރައީސް އަބްދުﷲ ޖިހާދުއެވެ.
މިއަދު ފާހަގަ ކުރަމުންދާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން އާންމު ކުރި މި ސިޔާސަތުގައި އެ މީހުންނަށް އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މުޖުތަމައުގައި އެ މީހުންގެ ބައިވެރިވުން އިތުރުކޮށް، ޒިންމާދާރު ފާގަތި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުން އޭގެ ތެރޭގައި ހިމެނޭ ކަމަށް، އެ ސިޔާސަތު އެކުލަވައިލި ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ސިޔާސަތުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނަށް ކުރާ އެކި އަނިޔާތަކާއި އިހުމާލު އަދި އެ މީހުންގެ ފަރާތުން ނަގާ ނާޖާއިޒު ފައިދާ އިން ރައްކާތެރިކޮށްދޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އަދި ރިޓަޔަމެންޓަށް ފަހު، ގިނަ ބަޔަކު މުޖުތަމައުން އެކަހެރިވާ އިރު އެ މީހުންނަށް މިނިވަންކަމާ އެކު ކަންކަމުގައި ހަރަކާތްތެރިވެ، ގުޅުން ބަދަހިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ސިއްހީ މައްސަލަތަކަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކޮށް، އެ މިނިސްޓްރީން ބުނީ އަލަށް އެކުލަވައިލި ސިޔާސަތުގެ ދަށުން، އެ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
މީގެއިތުރުން އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ހިމާޔަތް ކޮށް އެ މީހުންނަށް އެންމެ އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި ޖެންޑާ މިނިސްޓްރީއާއި ޕެންޝަން އޮފފީހާއި ދެމެދު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.
މި އެމް.އޯ.ޔޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ލީޝާ މުޙައްމަދެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ކޯޕަރޭޓް އެފެއާޒް ސުޖާތާ ޙަލީމެވެ. މި އެމް.އޯ.ޔޫގައި ސޮއިކޮށްފައި ވަނީ ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި ޖަލްސާގައެވެ.
ރަންވޭލާ ކެމްޕޭނަކީ އާއިލާއާއި މުޖުތަމަޢުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެމީހުންނަށް ލިބެންޖެހޭ އަޅާލުމާއި އެހީތެރިކަން އިތުރުކުރުމާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް 14 އޮގަސްޓް 2016 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިފުތިތާހުކޮށް ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޚާއްޞަ ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްޞަ ސެޝަންތަކެއް ރާއްޖޭގެ 3 އަތޮޅެއްގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިފުތިތާހު ކުރެވުނު ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި "ޔޫ.އެން ޕްރިންސިޕަލްސް ފޯ އޯލްޑަރ ޕާސަންސް 1991" އާއި، ޑަބްލިއު.އެޗް.އޯގެ "ގްލޯބަލް ސްޓްރެޓަޖީ އެންޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ އެންޑް ހެލްތު 2016 – 2020" އަދި 2015 އިން 2030 އަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ރިޢާޔަތްކޮށް އެކުލަވައިލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތު ބިނާކޮށްފައިވާ 4 ދާއިރާއަކީ 'އަޅާލުމާއި ރައްކާތެރިކަން'، 'މިނިވަންކަމާއި ބައިވެރިވުން'، 'ޞިއްޙަތާއި ދުޅަހެޔޮކަން' އަދި 'ދޮށީ އުމުރަށް ތައްޔާރުވުން'، މިއެވެ.
ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި، އެ މީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށް، 1991 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންދާ ދުވަހެކެވެ.