ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެ ގެންނަން ފުލުހުންގެ އެހިތެރިކަމަށް މިހާތަނަށް އެދިފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އަދި މިހާތަނަށް ގާސިމް ގެންނަން ފުލުހުންގެ އެހީތެރިކަމަށް އެދިފައިނުވާނެ ކަމަށެވެ.
އެހެންނަމަވެސް، ދީފައިވާ މުއްދަތުގައި ގާސިމް ރާއްޖެ ވަޑައިނުގަންނަވައިފި ނަމަ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އަމަލުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ ބޭސްފަރުވާއަށް ފޮނުވާ ގައިދީން އެނބުރި ނައިސްފި ނަމަ އެ ގައިދީ އަކު އަނބުރާ ރާއްޖެ ގެނެއުމުގައި ފުލުހުންގެ އެހީތެރިކަމަށް އެދުމަކީ އަމަލުކުރަމުންދާ ގޮތް ކަމަށެވެ.
ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމުން ގާސިމް ސިންގަޕޫރަށް ވަޑައިގަތީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން، ކަރެކްޝަނުން ވަނީ އިތުރު 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއަށްފަހު ބޭސްފަރުވާގެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްދިނެވެ.
ގާސިމްގެ ބޭސްފަރުވާއަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ ހޯމަ ދުވަހަށެވެ.
ސިންގަޕޫރުގައި ޓެސްޓުތަކެއް ހެދުމަށްފަހު ސެޕްޓެމްބަރު 20 ވަނަ ދުވަހު ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވެ އެވެ. އޮޕަރޭޝަނަށް ފަހު ތިން މަސްދުވަސްވަންދެން އެގައުމުގައި މަޑުކުރެއްވުމަށާއި ޓެސްޓްތައް ހެއްދެވުމަށް ޑޮކްޓަރުން ވަނީ ގާސިމަށް ލަފާދެއްވާފައެވެ.
ގާސިމް ތިން އަހަރާ ދެ މަހާއި 12 ދުވަސް ވަންދެން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އޯގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު ގާސިމާއި ގާނޫނީ ވަކީލުންގެ ވެސް ޣައިރު ހާޒިރުގަ އެވެ. އެ ހުކުމް ކޮށްފައި ވަނީ ކޯޓު ތެރެއަށް ވެއްޓި ވަޑައިގަތުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ގާސިމަށް ފަރުވާ ދެމުންދަނިކޮށެވެ.