ބޮޑެތި ކުށްތަކުގައި ތަޙުޤީޤަށް މީހުން ބަންދުގައި ބައިތިއްބާ ގޮތާއިމެދު ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ކައުންސިލް މެންބަރު ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.
ހުޅުމާލޭގައި ދާދިފަހުން މަރުވި ދެ ޒުވާނެއްގެ މަރާއި ގުޅިގެން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް 15 ދުވަސް ޖެހުމާއި ގުޅިގެން، ޔުމްނާ ކުރެއްވި ޓްވީޓެއްގައި، ދެ މަރާއި ގުޅިގެން ބަންދަށް 15 ދުވަސް ޖެހިއިރު، ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މުއްދަތެއް ނެތް ގޮތަށް ބަންދު ކުރުމަކީ އަރަތެއްތޯ ވަނީ ސުވާލުކުރައްވާފައެވެ.
2 maraa gulhigen 15 dhuvas? Rishvathuge thuhumathah mudhdhatheh neiy? Miee alhe aratheh noon tho? https://t.co/lLJzX7Av3m
— Yumna Maumoon (@yumna_maumoon) September 30, 2017
ޔުމްނާ މިފަދައިން ޓްވީޓް ކުރެއްވި އިރު ސެޕްޓެމްބަރ 28 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު ފާތުމަތު ސަމާ، 18،ގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 4 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
މީގެ އިތުރުންވެސް ފަހަކަށް އައިސް ހިނގާފައިވާ މާރާމާރީ އާއި މަރުގެ އެކި މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އާންމުކޮށް ޖަހައިދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި މިފަދަ މައްސަލަތަކުގައި ހެއްކާއިއެކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ޖުވެނައިލް ކޯޓުން ބައެއް ކުދިން ދޫކޮށްލާފައިވެސް ވެއެވެ.
ނަމަވެސް ޔުމްނާގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުޙުމަތުކޮށް، ފުލުހުން ފާރިސް ހައްޔަރުކުރުމާއިއެކު، ކްރިމިނަލް ކޯޓުން ވަނީ އޭރު ތަޙުޤީޤީ މަރުހަލާގައި އޮތް އެ މައްސަލައިގެ (ދަޢުވާ ނުކުރާ، ނުފެށޭ) ޝަރީޢަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ނިންމާފައެވެ.
ފަހަކަށްއައިސް ރާއްޖޭގައި މާރާމާރީގެ މައްސަލަތައް ގިނަވެ، މީހުން މެރުން ގިނަވެފައިވާއިރު، އެކަންކަން ހުއްޓުވުމަށް މާބޮޑު މަސައްކަތެއް ނުކުރެވޭއިރު، ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައްކޮށް، އެފަރާތްތަކުގެ ޝަރީޢަތްތައް އަވަސް ދުވެލީގައި ނިންމަމުންދަތީ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައެވެ.