ސުޕްރީމް ކޯޓުގެ ސާފު ހުކުމަކުން ނޫންގޮތަކަށް، ވިލިނގިލި ދާއިރާގައި ބައި-އިލެކްޝަނެއް ނުބޭއްވޭނެ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވީ ވިލިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ ސައުދު ހުސެއިން ކަމަށާއި، އެއީ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ގޮތްކަމަށެވެ. އަދި ސައުދު ހުސެއިންގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ސާފު ހުކުމަކުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނާޅާހާ ހިނދަކު ވިލިނގިލި ދާއިރާގެ ބައި-އިލެކްޝަނެއް ބޭއްވުމުގެ ފުރުސަތު ދިނުމަށް ރައްޔިތުން ތައްޔާރު ނޫން ކަމަށެވެ.
"ސުލައިމާނު ވިސްނަންވާނެ، ދަނެގަންނަންވާނެ ވިލިނގިލި ރައްޔިތުން ތިބީ އެ ފުރުސަތު ދިނުމަށް ތައްޔާރަށް ނޫންކަން. އެހެންކަމުން ވިލިނގިލި ދާއިރާގެ ކޮލަމާފުށްޓާއި އަދި ވިލިނގިލިންވެސް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެނެއް ނުދާނެ" ފުއާދު ވިދާޅުވި އެވެ.
ވިލިނގިލި ދާއިރާގެ ބައި-އިލެކްޝަނެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވިލިނިގިލި އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެފައިވާއިރު، ދިއްދޫ ކައުންސިލްގެ ރައީސްވެސް ވަނީ އެފަދައިން ވިދާޅުވެފަ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސްގެ މިހާރުގެ ދައުރު 2019 ގައި ހަމަވެގެން ނޫން ގޮތަކަށް ހއ. ދިއްދޫގެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް އޮންނަން ނުޖެހޭނެ ކަމަށާއި އެފަދަ ބައި-އިލެކްޝަނެއް ބާއްވާނެ ފުރުސަތުވެސް ނުދެއްވާނެ ކަމަށެވެ. ހާޝިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައި- އިލެކްޝަންގެ ނަމުގައި ވޯޓުލުމަށް ދިއްދޫގައި ވޯޓު ފޮއްޓެއް ބެހެއްޓުމުގެ ފުރުސަތު އެރަށު ކައުންސިލުން ނުދެއްވާނެ ކަމަށެވެ.
ވިލިނގިލި ކައުންސިލާއި، ދިއްދޫ ކައުންސިލުން މިހެން ހާމަކޮށްފައިވާ އިރު މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުންވަނީ ގޮނޑި ގެއްލުނު ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން ވިލިނގިލި ދާއިރާ އާއި މަޑުއްވަރީ ދާއިރާ އާއި ތުލުސްދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވާނެ ކަމަށް އެ ކޮމިޝަނުން އިއުލާނުކުރި އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާ، ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑިޔާ ގުޅޭ ގޮތުން ނިންމި ނިންމުމުގައި އީސީ އިން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ނިންމި ނިންމުން ބަދަލު ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގާނޫނުގައި ބަޔާކޮށްފައިވާ މުއްދަތު ފަހަަނައަޅާ ދިޔަ އިރުވެސް އިންތިހާބު ބާއްވާފައެއް ނުވެ އެވެ.
ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ.