މި ސަރުކާރުން ރިޔާސީ އިންތިޚާބު ގަދަބާރުން ކާމިޔާބު ކުރަން ނުކުންނާނެ، ކަމަށާ ރައްޔިތުން އެ ފުރުސަތު ދީގެން ނުވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.
ޜާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މީ ރައްޔިތުންނަށް ކަންކަން އޮޅުވާލަމުންދާ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ.
ފަލާހު ވިދާޅުވިގޮތުގައި، ރައީސް ޔާމީނަކީ ރައްޔިތުން ދެެކެ އެއްވެސް މިންވަރަކަށް ލޯބިވެވަޑައިގަންނަވާ ވެރިއެއް ނޫނެވެ. އަދި އެމަނިކުފާނު ދިވެހި ރައްޔިތުން އުޅޭ ނިކަމެތި ހާލު ބައްލަވަން އެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަން ވެސް ކެރިވަޑައި ނުގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، ދިވެހި 28 ޒުވާނެއްގެ ލޭ މި ބިމަށް އޮހޮރުވާލައި އަނިޔާވެރި ގޮތްގޮތަށް މީހުން މަރަމުންދާއިރު އެކަން ހުއްޓުވަން މި ސަރުކާރާއި ކަމާގުޅުން ހުރި މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާ ކަމަށެވެ.
"މިއަދުވެސް ފުލުހުން އެބައޮތް ވިދާޅުވެފައި މީހުންމަރާ މާރާމާރީ ހިންގާ މީހުނަށް ހިމާޔަތްދޭ ބަޔަކު އުޅޭކަން ފާހަގަކުރެވޭ ކަމަށް. އެކަން އެނގެންޏާ އެމީހުންނާއި މެދު އަވަހަށް ފިޔަވަޅު އަޅަންވީ ނޫންތޯ. އަވަހަށް އެމީހުން ހޯދާ ހައްޔަރުކުރަންވީ ނޫންތޯ" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރޫސްލާފައި ގޮސް ގޭގޭގެ ދޮރުވައްޓާލާ ގޮސް ވަނަކަސް އަދި ކަމަކު ނުދާނޭ ކަމަށާއި، އެކަންކަން ވިޔަ ނުދިނުމަށް ކުރިއާލާ ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަމަށެވެ.
މިއަދުގެ ހޯމް މިނިސްޓަރު އަޒްލީންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ، އެބޭފުޅާއަށް ވެސް ކުރަން ކެރޭކަމަކީ ސިޔާސީ ކަންކަމުގައި އުޅުއްވުން ކަމަށެވެ. އަދި ރައްޔިތުންނަށް އިޚްލާސްތެރި ބޭފުޅަކު މި ސަރުކާރުގެ ވެރިންގެ ތެރޭގައިވެސް ނެތްކަމަށް ފަލާހު ވިދާޅުވިއެވެ.
ރާއްޖޭގައި 28 މަރު ތިން އަހަރުތެރޭ ހިނގާދިޔައިރު، މިރާއްޖޭގެ ރައީސަކަށް ހުންނަމީހާގެ ކަންބޮޑުވުމެއް ނެތް، އެވާހަކައެއް ނުދައްކާ.ރާއްޖޭގެ ޒުވާނުންނަށް ވަރަށް ނިކަމެތިގޮތްގޮތަށް މިއަދު ކަންކަން ވަމުން ދަނީ" ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފުލުހުން ވެސް ދައްކަނީ ހުސް ވާހަކަ ކަމަށާއި، މިކަންކަން ހުއްޓުވަން ބޭނުންނުވާކަމަށް ސަރުކާރުގެ އަމަލުތަކަކަކުންވެސް ނުފެންނަ ކަމަށެވެ. ރާއްޖޭގެ ސަރުކާރުން އެމީހުން އެއްކޮށްގެން ފޯރަމްތަކާއި ޖަލްސާތައް ބާއްވާއިރު، އެމީހުން އެއްކޮށްގެން މާރާމާރީ ހުއްޓުވަން ވެސް ވާހަކަ ދެއްކެން ޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ.
މިއަދު އޮތް ސަރުކާރަކީ ރައްޔިތުންގެ ދިރިއުޅުން ހުރި ގޮތް ބަލާލަން ކެރޭ ބައެއް ތިބި ސަރުކާރެއް ނޫން ކަމަށާއި، އެކަން ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށް ފަލާހު ފާހަގަ ކުރެއްވިއެވެ. ފްލެޓާއި ބޯހިޔާވަހިކަމުގެ ވައުދަކީ ރައީސް ނަޝީދު ގެ ޒައާމަތުގައި އެމްޑީޕީގެ ވެރިކަމުގައި ގާއިމް ކުރި ނިޒާމެއް ކަމަށާއި، މި ސަރުކާރުން ބޯ ހިޔާވަހިކަމުގެ ކަންކަމުގައިވެސް ރައްޔިތުންނަށްވީ ޚިޔާނާތްކަމަށް ފަލާހް ވިދާޅުވިއެވެ. މިއަދުގެ ސަރުކާރުން ފްލެޓްތައް ދިނީ މަކަރާއި ހީލަތުން، ސަރުކާރުން ބޭނުންވާ އަދި ސަރުކާރަަށް ތާއީދު ކުރާ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ފްލެޓްތަކުގެ މައްސަލައިގައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީއަށް ވެސް ޖަވާބު ދާރީވެފައި ނުވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ފްލެޓް ލިބުގޮތް މަޖިލީހަށް ސާފު ކޮށްދޭން ޖެހޭއިރު އެކަން ވެސް ސިއްރު ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ކަންކަން މިހެން ހުރެ، މިއަދުގެ ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގަނީ ބޮޑެތި ވައްކަމާއި ކޮރަޕްޝަންކަމަށް ފަލާހު ވިދާޅުވިއެވެ.