އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެޑެކްސެލް އޭ ލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން މާދަމާ ދޫކުރާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑީޕީއީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 2018 ވަނަ އަހަަރުގެ ޖެނުއަރީ މަހު، ބާއްވާ އެޑެކްސެލް އޭ ލެވެލް އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ފައިސާ ނަގާނެ ގޮތުގެ ތަފްސީލު ޕަބްލިކް އެގްޒަމިނޭޝަނުން ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރު 13:30 އަށް ކަމަށް އެ އިދާރާއިން ބުނެ އެވެ.
އަންނަ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭ ލެވެލް އިމްތިހާނަށް ކުރިމަތިލުމުގެ އެންމެ ފަހު ފުރުސަތު ޑީޕީއީ އިން ހުޅުވާލާފައިވާ އިރު މި އަހަރުގެ ޖެނުއަރީގައި 3219 ދަރިވަރުން އޭ ލެވެލް އިމްތިހާނުގައި ބައިވެރިވެފައިވެ އެވެ.
އޭގެ ތެރޭގައި 3072 ސްކޫލް ކެނޑިޑޭޓުންނާއި 147 އަމިއްލަ ކެންޑިޑޭޓުން ހިމެނެ އެވެ. އޭ ލެވެލް އިމްތިހާނު ބާއްވާފައި ވަނީ 37 ސެންޓަރުގަ އެވެ. އޭގެތެރޭގައި މާލޭގެ ފަސް ސްކޫލެއްގެ އިތުރުން އެއް ޕްރައިވެޓް ސެންޓަރާއި އަތޮޅުތެރެއިން އެއް ޕްރައިވެޓް ސެންޓަރުގެ އިތުރުން 30 ސްކޫލެއް ހިމެނެ އެވެ.