ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބްތަކުގައި ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން 37 މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށާއި، އެއީ މިދިޔަ މަހު ރިޕޯޓު ކޮށްފައިވާ މައްސަލަތަކުގެ 53 އިންސައްތަ ކަމަށެވެ.
މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މިބާވަތުގެ ޖުމްލަ 37 މައްސަލައެއް ރިޕޯޓު ކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 33 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 32 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 24 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގޯނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 3 މައްސަލަ އަދި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނެއެވެ.
މިނިސްޓްރީގެ ތަފާސް ހިސާބްތަކުން އެނގޭ ގޮތުގައި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 6 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ، ވައްކަންކުރުމުގެ 1 މައްސަލަ، މަސްތުވާތަކެތި ބޭނުން ކުރުމު1 މައްސަލަ އަދި މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ ހިމެނެއެވެ.
ހަމައެހެންމެ ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ 15 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، އެހެން ކުދިންނަށް ގޯނާކުރުމުގެ 1 މައްސަލަ، އެހެން ކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ގޯނާކުރުމުގެ 1 މައްސަލަ، ފުރައްސާރަކުރުމުގެ 1 މައްސަލަ އަދި ގެއިން ނިކުމެގެން ދިޔުމުގެ 1 މައްސަލަ ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ޖުމްލަ 5 މައްސަލައެއް މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 1 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުން ނުވަތަ ނުދިނުމުގެ 1 މައްސަލަ ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިއީ އޮގަސްޓު2017 ގައި ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ޖުމްލަ 15 އިންސައްތައެވެ.
މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައާއި ނަފްސާނީ އަނިޔާކުރުމުގެ 12 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައިވެއެވެ.
މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ޖިންސީ އަނިޔާގެ 2 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، މާލީ ނުވަތަ އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށް ނުދީގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައެއް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 5 މައްސަލައެއް ހުށަހަޅައިފައިވެއެވެ.
ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީ އަށް މިދިޔަ މަހު ވަނީ 246 މައްސަލައެއް ރިޕޯޓު ކޮށްފައެވެ.