ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފެއްގެ މުސާރައަށް ވުރެ 24 ގުނަ ބޮޑު އެލަވަންސެއް ދޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައުޓްސޯސް ކޮށްގެން ފެނަކައަށް ނަގާފައިވާ ގާނޫނީ ވަކީލެއްގެ މުސާރައިގެ ގޮތުގައި ހަމަޖައްސާފައި ވަނީ 1،000ރ. އެވެ. ނަމަވެސް، އެލަވަންސްގެ ގޮތުގައި 24،000ރ. ލިބެ އެވެެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ އަހުމަދު ޝަރީފް ހަވާލުވެވަޑައިގެންނެވި ފަހުން، އައުޓްސޯސްކޮށްގެން ކުންފުންޏަށް ނަގާފައިވާ އެ ވަކީލަށް ވަޒީފާ ދިންތާ މިހާރު 10 ވަރަކަށް މަސް ވެއްޖެ އެވެ.
ފާއިތުވި 10 ވަރަކަށް މަހުގެ ތެރޭގައި އޭނާއަށް މުސާރަ ދީފައި ވަނީ އެގޮތުގެ މަތިންނެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ޝަރީފް ވިދާޅުވީ މުސާރައަށް ވުރެ 24 ގިނަ ބޮޑު އެލަވަންސެއް ދޭ ކަމަށް އޮންނަނީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އަސްލު އޮންނަންވާނެ ގޮތަކީ މުސާރައަށް 24،000ރ. ކަމަށާއި 1،000ރ. އަކީ ފޯނު އެލަވަންސް ކަމަށެވެ.
ޝަރީފް ވިދާޅުވީ ދެން އޮންނަ ބޯޑް މީޓިންއެއްގައި ވަޒީފާގެ އެއްބަސްވުމުގެ އެ ބަޔަށް އިސްލާހު ގެންނާނެ ކަމަށެވެ.