ހަތްހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ އިމްތިހާނު ފަށައިފި އެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިހާނު ހޮނިހިރު ދުވަހު ފަށާފައިވާއިރު، ހޮނިހިރު ދުވަހު އޮތީ އިސްލާމް ޓެސްޓެވެ. އާދިއްތަ ދުވަހު އޮންނާނީ ދިވެހި ޓެސްޓެވެ.
ސެކަންޓްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނާއި ޖީސީއީ އޯލެވެލާއި އައިޖީއެސްސީއީ މާއްދާތަކުގެ އިމްތިހާނުތަކާ އެކު، މި އިންތިހާނު ދޮޅު މަސްދުވަހަށް ދެމިގެން ދާނެ އެވެ. މިގޮތުން ސާނަވީ ތައުލީމް ނިންމާ އިމްތިހާނުގެ ފަހު މާއްދާގެ ޓެސްޓް އޮންނާނީ ނޮވްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
މިއަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7125 ދަރިވަރުންނާއެކު ރާއްޖޭގައި ފަށާފައިވާއިރު، އެއީ މާލެ އާއި އަތޮޅު ތެރޭގެ 197 ސެންޓަރުން 5،587 ދަރިވަރުން އަދި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1،538 ދަރިވަރުންނެވެ.
މީގެ އިތުރުން، މި އަހަރު ވެސް ސްރީލަންކާގައި ހުންނަ މޯލްޑިވްސް އެޑިޔުކޭޝަންސް އެންޑް ކަލްޗަރަލް ސެންޓަރުގައި ވެސް 12 ދަރިވަރަކު އެސްއެސްސީ އިމްތިހާނު ހަދާނެ އެވެ.
މިއަހަރުގެ އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނު ވެސް އޮކްޓޫބަރު 7 ދުވަހުން ފެށިގެން ކުރިޔަށްދާނެ އެވެ.
މިދިއަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި 8،280 ކުދިން ވަނީ ބައިވެރިވެފައެވެ.