ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާ އާއި އެކިއެކި ފީގެ ގޮތުގައި ދައުލަތަށް ފައިސާ ބަލައިގަންނަމުންދާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އިން ދެ ރަށެއްގައި އޮފީސް ހުޅުވައިފިއެވެ.
މީރާ އިން ކަލެކްޝަން ޕޮއިންޓް ހުޅުވާފައި ވަނީ ހއ. ދިއްދޫ އާއި ށ. ފުނަދޫގަވެ. މީރާގެ ކަލެކްޝަން ސެންޓަރުގެ ގޮތުގައި އެ ދެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މީރާގެ ކޮމިޝަނަރ ޖެރެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި އެ އިދާރާގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެެވެ.
ވަކިވަކިން މި ދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދިއްދޫ ކަލެކްޝަން ސެންޓަރު ހުޅުވާދެއްވީ ޔާޒީދު އާއި ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމެވެ.
ފުނަދޫ ކަލެކްޝަން ސެންޓަރު ހުޅުވާދެއްވީ ޔަޒީދު އާއި ށ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާރިފް އެވެ.
ދިއްދޫ އަދި ފުނަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާ ވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މީރާއިން ބުނެއެވެ.
އެގޮތުން މިހާރު ވެސް މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ގާއިމުކޮށް އަންނަނީ ހިދުމަތް ދެމުންނެވެ.
އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެއެވެ. އޭގެ ތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުން ހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެއެވެ.