ހައުސިން ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުލެ ހުޅުމާލެ ލިންކް ރޯޑް ހެދުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރުތައް ގެނެސް މަސައްކަތް ފަށާފައި ވަނީ ހުކުރު ދުވަހުއެވެ.
އެޗްޑީސީ އިން މައުލޫމާތުދޭ ގޮތުގައި ހުޅުލެ ހުޅުމާލެ ލިންކް ރޯޑް ހެދުމަށް ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ މާލެ ހުޅުމާލެ ބްރިޖާ ގުޅިގެން އަންނަ ހައިވޭގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ.
ބިން ހިއްކަން ފަށާފައިވާއިރު މި މަސައްކަތް ފެށުމަށް ބޭނުންވާ ސަރަހައްދު ވަކިކުރުމަށް ބަންޑް ވޯލް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ފަށާފައެވެ. މީގެ އިތުރުން މި ހައިވޭގެ މަސައްކަތަށްހުޅުމާލޭގެ ބޯށިމާ ހިނގުމުގައި ޓިނުޖަހާ ބަންދު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވިގޮތުގައި ބިން ހއްކުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިމޭނެއެވެ. އަދި މަސައްކަތް ނިމުމާއެކު ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ތޮށި ލުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
ސައިމަން ވިދާޅުވީ އަމާޒަކީ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ހައިވޭގެ މަސައްކަތް ނިންމުން ކަމަށެވެ.
ސައިމަން ވިދާޅުވީ ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ބްރިޖް ވެގެން ދާނީ މާލެ އިަދި ހުޅުމާލޭގެ ރައްޔިތުންނަށް ވެސް އަދި ޒިޔާރަތް ކުރާ ގިނަ ފަރާތްތަކުން ބޭނުން ކުރާ ވަރަށް މުހިންމު ޑިވޮލޮޕްމެންޓަކަށް ކަމަށެވެ. އެހެން ކަމުން ބްރިޖުގެ ބޭނުން ކުރަން ފެށުމާ އެކު އެއްވެސް ދަތިކަމެއް ނެތި ހުޅުލެއަށް އަރައި ފޭބުމުގެ ފަސޭހަ މި ހައިވޭ އިން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
ހުޅުލެ ހުޅުމާލެ ހައިވޭއަކީ ބައިނައްލަޢުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަތަރު ކިލޯމީތަރުގެ ދިގުމިނުގައި ހަތަރު ލޭނަށް ފަރުމާ ކުރެވިފައިވާ ހައިވޭއެކެވެ. މި ހައިވޭގައި ހުރިހާ ވައްތަރެއްގެ އުޅަނދުތަކަކަށް އެއްވެސ ދަތިކަމެއް ނެތި ދަތުރުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން މި ހައިވޭ ޕޭވް ކުރެވި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ވެސް ފުރިހަމަ ކުރެވިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
The reclamation work of the Hulhulé – #Hulhumalé highway is ongoing at a fast speed. We expect the work to be completed within next week. pic.twitter.com/EVixcCkkGR
— HDC (@hdcmaldives) September 29, 2017