ސަރުކާރު ކުންފުނިތަކަކާ އެކު ހިންގި ޑޮލަރުގެ މުއާމަލާތްތަކެއްގައި ޚިޔާނާތްތެރިވެފައިވާ ޝަރޫ ލޯންޗް ސަރވިސްގެ ވެރިންތަކެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުވާ ކޮށްފައިވަނީ ޝަރޫ ލޯންޗް ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރު ބ. ތުޅާދޫ، ކަންކަމަތީގޭ، ސޮބާހު އަހުމަދާއި، އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މާލޭ ދަތްފަރު 1232، މުހައްމަދު މުޝްތާގުގެ މައްޗަށެވެ.
ދެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. ދެ މައްސަލައިގައި ވެސް ކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ. ފުރަތަމަ ދައުވާ ކޮށްފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. ދެވަނަ ދައުވާ ކޮށްފައި ވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އިން ޑޮލަރު ގަންނަން ދިން ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ޝަރޫ ލޯންޗް ސަރވިސްގެ ގިނަ މައްސަލަތަކެއް ފުލުހުން ތަހުގީގީ ކޮށްފައި ވެއެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަތައް ތަހުގީގުކުރެ އެވެ.
އެ މައްސަލަތަކާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސޮބާހާއި މުޝްތާގުގެ ޕާސްޕޯޓް ހިފަަހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ. ހައިކޯޓުގައި އެ އަމުރު އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އަމުރު ދަމަހައްޓާފަ އެވެ.
ފެނަކައިން އެއް މިލިއަން ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ އެކުންފުންޏަށް ދޫކުރިއިރު، ސްޓެލްކޯ އިން ދެ ލައްކަ ޑޮލަރު ގަތުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ދިނެވެ. އެހެން ނަމަވެސް، ޝަރޫ ލޯންޗް ސަރވިސް އިން ދޫކުރި ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފަ އެވެ.
ފެނަކައިން އެ މައްސަލައިގައި ދައުވާކުރުމުން، އޯގަސްޓް މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އެ ފައިސާ އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗްގެ މައްޗަށް ހުކުމް ކޮށްފަ އެވެ. ސްޓެލްކޯ އިން ވެސް ވަނީ ޑޮލަރު ގަންނަން ދިން ފައިސާ އަނބުރާ ލިބިފައިނުވާ ކަމަށް ބުނެ އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފަ އެވެ.
ޝަރޫއާ ދެކޮޅަށް ދެ ކުންފުނިން ދައުވާކުރިއިރު، ޝަރޫ ކުންފުނިން ވަނީ، އެ ޑޮލަރު ނުދެވުނީ މޮރިޝަސް ކޮމާޝަލް ބޭންކުގެ އިހުމާލުން ކަމަށް ބުނެ އެ ބޭންކާ ދެކޮޅަށް 150 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފަ އެވެ.
ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމުގެ މުއާމަލާތް ޝަރޫ ކުންފުނިން ހިންގިއިރު، އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ވެސް ނެތް ކުންފުންޏެކެވެ. އެހެންވެ ޝަރޫ ކުންފުންޏާ މެދު ފިޔަވަޅު އަޅައިދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.