ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ޖީސިކްސް ކެފޭގައި އިން ޒުވާނަކަށް ވަޅިން ހަމަލާދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖީސިކްސް ގައި އިން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ މަޢުލުމާތު ހުކުރު ދުވަހުގެރޭ 23:32 ހާއިރު ލިބުމާއި ގުޅިގެން އެ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ހަށިގަނޑުގެ 3 ތަނަކަށް ވަނީ ވަޅިން ހަމަލާދީފައެވެ.
އޭނާއަށް މިހާރު ދަނީ އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެރޭ ހިނގި މާރަމާރީތަކާއި ގުޅިގެން ފުލުހުން ވަނީ މާލޭގެ ގެއެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްޞީލެއް އަދި ނުލިބެއެވެ.