Advertisement
ކ. މާލެ
|
10 ޑިސެންބަރ 2025 | ބުދަ 18:58
ނ. އަތޮޅު ކައުންސިލްގެ ރައީސް،
ނ. އަތޮޅު ކައުންސިލްގެ ރައީސް،
ސޯޝަލް މީޑިއާ
ނ އަތޮޅު ކައުންސިލް
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
ކޯޓުން މައްސަލަ ބޭރުކުރީ ކައުންސިލް ތަމްސީލުކުރި ވަކީލު މުއްދަތު ހަމަވުމުގެ ސަބަބުން މައްސަލައިން ތަނާޒުލްވެ އަލަށް ވަކީލަކު އައްޔަންކުރެވިފައި ނުވާތީ

ނ. ކެނދިވަރު އަދި ދޮނަހިރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ ކޯޓުން ބުނީ މި މައްސަލަ ބޭރުކޮށްލީ ކޯޓުން ތާވަލުކުރި އަޑުއެހުންތަކަށް ކައުންސިލުން ހާޒިރުނުވާތީ ކަމަށެވެ.

އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށެވެ. އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމުމެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

ނަމަވެސް، އެ މައްސަލާގައި ކޯޓުން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަށް ކައުންސިލުން ހާޒިރެއް ނުވި އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ވެސް ކައުންސިލުން އަޑުއެހުމުގައި ބައިވެރިވެފައި ނުވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. މީގެ އިތުރުން ހުކުމް އިއްވުމުގެ އަޑުއެހުމެއް ތާވަލުކޮށް ޗިޓް ފޮނުވުމުން ވެސް އެ އަޑުއެހުމުގައި ކައުންސިލުން ބައިވެރިވެފައެއް ނުވެ އެވެ.

އެ އަޑުއެހުމަށް ކުޑަ ވަގުތުކޮޅަށްވެފައި އޮއްވާ ކައުންސިލް ތަމްސީލުކުރާ ވަކީލު މައްސަލައިން ތަނާޒަލްވާ ކަން ކޯޓަށް އަންގާފައިވެ އެވެ. އެ ވަކީލު ބުނެފައިވަނީ އޭނާ އާއި ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، ދެން އެ މައްސަލަ ތަމްސީލު ކުރަން ޖެހޭނީ އަލަށް ކައުންސިލުން އައްޔަންކުރާ ވަކީލުން ކަމަށް ދެކޭތީ ކަމަށެވެ.

ނަމަވެސް، ކޯޓުން ބުނީ އެހާ ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށް ތަނާޒަލްވާން އަންގާފައިވަނީ ގަވައިދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ވަކީލުގެ ބަދަލުގައި ކައުންސިލް ތަމްސީލް ކުރާނެ އެހެން މީހަކު ވެސް އަޑުއެހުމުގައި ބައިވެރިނުވާ ކަމަށް ކޯޓުން ފާހަގަކުރި އެވެ. މި ހާލަތުގައި ކޯޓުން ނިންމީ މައްސަލަ ބާތިލް ކުރުމަށެވެ.

އެ މައްސަލާގައި ވަގުތީ އަމުރަކަށް ވެސް ކައުންސިލުން އެދުނެވެ. ނަމަވެސް، ކޯޓުން ނިންމީ އެ އަމުރު ނެރެނުދިނުމަށެވެ. ޝަރީއަތުގައި ދައުލަތުން ބުނެފައިވަނީ ރައީސްގެ ގަރާރަށް ގޮންޖަހައި ގަރާރެއް ނެރުމުގެ އިތުރަށް، ސުލްހަވެރި ހައްލެއް އެ މައްސަލާގައި ހޯދުމަށް ކައުންސިލުން މަސައްކަތް ކޮށްފައިވާކަން އެނގޭނެ ލިޔުމެއް ކައުންސިލުން ހުށަހަޅާފައި ނެތް ކަމަށެވެ.

- ކޮމެންޓް