Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 14:03
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ތާލިބާނުންގެ ބާރުތަކާ ދެމެދު ބޯޑަރު ސަރަހައްދު ގައި ހަމަނުޖެހުންތައް އަނެއްކާ ވެސް އުފެދިއްޖެ
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ތާލިބާނުންގެ ބާރުތަކާ ދެމެދު ބޯޑަރު ސަރަހައްދު ގައި ހަމަނުޖެހުންތައް އަނެއްކާ ވެސް އުފެދިއްޖެ
ގެޓީއިމޭޖަސް
އަފްޣާނިސްތާން-ޕާކިސްތާން
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ޠާލިބާން ސިފައިންގެ މެދުގައި ބޯޑަރު ސަރަހައްދު ގައި ހަތަރު ގަޑިއިރުގެ ހަމަލާތައް ހުކުރު ދުވަހުގެ ރޭ ބަދަލު ކުރި ކަމަށް ދެފަރާތުން ވެސް ބުނެފައި ވޭ. ދެ މަހެއްހާ ދުވަސް ކުރިން ގަތަރާއި ތުރުކީން މެދުވެރިވެގެން ހަމާލަތައް ހުއްޓުމަށް ދެފަރާތުން އެއްބަސްވި ނަމަވެސް، ދެ ގައުމުގެ ދެމެދުގެ މަސްރަހް ފިނިވަމުން ނުދާކަން ފާހަގަ ކުރެވޭ.

ޕާކިސްތާނާއި އަފްޣާނިސްތާނު ގެ ޠާލިބާން ސިފައިންނާ ދެމެދު ބޯޑަރު ސަރަހައްދު ގައި އަނެއްކާ ވެސް ހަމަލާ ތައް ބަދަލު ކޮށްފި އެވެ.

ދެފަރާތުން ވެސް އަނެއް ފަރާތައް ބުނަމުން ގެންދަނީ ހަމަލާތައް ހުއްޓާލުމަށް ވީ އެއްބަސްވުމާ ޚިލާފު ވަމުންދާ ކަމަށެވެ.

ކަންދަހާރު ސިޓީގެ ޞިއްޙީ އޮފިޝަލަކު ބީބީސީ އަށް ކިޔައިދިން ގޮތުގައި ހަތަރު ހަށިގަނޑެއް ހޮސްޕިޓަލަކަށް ގެނެސްފައިވެއެވެ. އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ. ޕާކިސްތާނުގައި ތިން މީހަކު ޒަހަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ހަމަލާތައް ބަދަލު ކުރަމުން އަންނަ އިރު، އަފްޣާނިސްތާނު ގެ ޠާލިބާން ސަރުކާރުން ބުނާ ގޮތުގައި ޕާކިސްތާނުން ވަނީ އަފްޣާނިސްތާނަށް ވައިގެ ހަމަލާތައް ވެސް ދީފަ އެވެ.

ދެފަރާތުން ވެސް ހޮނިހިރު ވިލޭރޭ ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނު ކަން ޔަގީން ކޮށްދީފައިވާ އިރު، ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ މި ހަމަލާތައް ފެށީ ކޮންމެ ބަޔަކު ވެސް ބުނާ ގޮތުގައި އަނެއް ފަރާތުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ތަރުޖަމާނު މުޝައްރަފް ޒައިދީ ޠާލިބާނުން އެއްވެސް "ސަބަބެއް ނެތި ހަމަލާތައް ފެށި" ކަމުގެ ތުހުމަތުކުރިއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޕާކިސްތާނު ސިފައިންގެ ފަރާތުން ވަގުތުން ބާރުގަދަ ރައްދެއް ދީފައިވާ ކަމަށެވެ.

މިއާއެކު، ޠާލިބާން ތަރުޖަމާނަކު ބުނީ ޕާކިސްތާނުން "އަލުން ހަމަލާތައް ފެށި" ކަމަށާއި "ރައްދު ދިނުމަށް މަޖުބޫރުވި" ކަމަށެވެ.

ސަރަހައްދުގެ އަފްޣާން ފަރާތުގައި ދިރިއުޅޭ ރައްޔިތުން ބުނީ ބަޑީގެ ހަމަލާތައް ފެށުނީ ހުކުރު ދުވަހުގެ ރޭ 22:30 ހާއިރު ކަމަށެވެ.

އެ ސަރަހައްދުން ބީބީސީ އަށް ހިއްސާ ކުރި ފޮޓޯތަކުން ދައްކާގޮތުގައި ވަރަށް ގިނަ އަފްޣާން މީހުން ފައިމަގު ގައި އަދި ވެހިކަލްތަކުގައި ރައްކާތެރިވުމަށް ނިކުމެގެން ދިޔައެވެ.

އެންމެ ފަހުގެ ހަމަލާތައް މި ބަދަލު ކުރީ ގަތަރާއި ތުރުކީން މެދުވެރިވެގެން ހަމަލާތައް ހުއްޓާލަން އެއްބަސްވިތާ ދެ މަހަށް ވުރެ މަދު ދުވަސްކޮޅެއް ފަހުންނެވެ.

2021 ގައި ޠާލިބާނުން ވެރިކަމަށް އައިފަހުން ޕާކިސްތާނާއި ޠާލިބާން ސަރުކާރާ ދެމެދު ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިސްލާމްއާބާދު ގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނު ގެ ސަރުކާރުން ގެންދަނީ ޕާކިސްތާނު ގައި ހަމަލާތައް ދޭ ހަތިޔާރު އެޅި ގުރޫޕުތަކަށް ހިމާޔަތްދީ އެހީތެރިވަމުންނެވެ.

ތާލިބާން ސަރުކާރުން މި ތުހުމަތު ދޮގުކުރެއެވެ.

އާމްޑް ކޮންފްލިކްޓް ލޮކޭޝަން އެންޑް އިވެންޓް ޑޭޓާ ޕްރޮޖެކްޓްގެ ހޯދުންތަކުން އެނގޭ ގޮތުގައި، ޕާކިސްތާނު ގައި އުޅޭ ތާލިބާނުން ފާއިތުވި އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ސިފައިންނަށް މަދުވެގެން 600 ހަމަލާ ދީފައިވެއެވެ.

ފާއިތުވި ހަފްތާ ގައި ދެފަރާތުގެ ވަފުދުތައް ސައުދީ އަރަބިއްޔާ ގައި ސުލްހަ އެއްބަސްވުމަކަށް އާދެވޭތޯ ހަތަރުވަނަ ބުރުގެ މަޝްވަރާތަކަށް ބައްދަލުކުރިއެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވުނެވެ.

- ކޮމެންޓް