Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 15:11
އަފްޣާނިސްތާނުގެ ރެފިއުޖީ އާއިލާ އެއް ޕާކިސްތާނުން ޑީޕޯޓު ކޮށްލަނީ
އަފްޣާނިސްތާނުގެ ރެފިއުޖީ އާއިލާ އެއް ޕާކިސްތާނުން ޑީޕޯޓު ކޮށްލަނީ
އޭއެފްޕީ
އަފްޣާނިސްތާން-ޕާކިސްތާން
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ކުރިން އެއްބަސްވެފައި އޮތް ނަމަވެސް އެ އެއްބަސްވުމުން ދެމެހެއްޓުމަށް ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުން ނަތީޖާ އެއް ނުނިކުތީ ޕާކިސްތާނުގެ ސަބަބުން ކަމަށް އަފްޣާނިސްތާނުން ވަނީ ބުނެފައި.

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުން ހޮނިހިރު ދުވަހު ބުނީ ޕާކިސްތާނާ އެކު ބާއްވާފައިވާ ސުލްހައިގެ ވާހަކަތަކުގެ ފަހުގެ ބުރު ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ވާހަކަތައް ނާކާމިޔާބު ވީ އިސްލާމްއާބާދުން ޒިންމާދާރު ވާން އިންކާރު ކުރުމާއި އެއްބާރުލުންދޭން ފަސްޖެހުމުގެ ސަބަބުން ކަމަށެވެ.

ދެ ގައުމުގެ މަންދޫބުން ތުރުކީ ވިލާތުގައި ބައްދަލު ކުރީ ބުރާސްފަތި ދުވަހުއެވެ. މި ބައްދަލުވުމަކީ އޮކްޓޯބަރު 19 ވަނަ ދުވަހު ޤަޠަރުގައި އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ފައިނަލް ކުރުމުގެ މަގްސަދުގަ އެވެ.

ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ ތަކާ ބެހޭ ގޮތުން ދެ ގައުމުން ވެސް ހިމޭނުން ތިބި އިރު މަޝްވަރާތައް ކުރިއަށް ދިޔައީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ.

"މަޝްވަރާތަކުގައި، ޕާކިސްތާނުގެ ފަރާތުން މަސައްކަތް ކުރީ ސަލާމަތީ ހުރިހާ ކަންކަމުގެ ޒިންމާ އެއް އަފްޣާން ސަރުކާރުގެ ބޮލުގައި އެޅުވުމަށް ކަމަށާއި، އަފްޣާނިސްތާނުގެ ސަލާމަތަށް ނުވަތަ ޕާކިސްތާާނުގެ އަމިއްލަ ސަލާމަތަށް ޒިންމާ ނަގަން އެއްވެސް ޝައުގުވެރިކަމެއް ނުދައްކާ،" ކަމަށް ޠާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވެއެވެ.

"ޕާކިސްތާނުގެ ވަފްދުގެ ޒިންމާދާރު ކަމެއް ނެތުމާއި އެއްބާރުލުން ދިނުމުގެ ވިސްނުމެއް ނެތުމުން އެއްވެސް ނަތީޖާއެއް ނުނެރެވުނު،" ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމްއާބާދުން މި މަޝްވަރާތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަ ކޮށްފަ އެއް ނުވެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަޠާއުﷲ ތަރާރު މަޝްވަރާ ތަކުގެ އެއް ދުވަސް ކުރިން އިޝާރާތް ކުރެއްވީ މަޝްވަރާތައް ފެއިލްވަމުން އަންނަ ކަމަށާ، ޓެރަރިޒަމް ހުއްޓުވުމަށް ވައުދުވެފައިވާ ކަންތައްތައް ފުއްދުމުގެ ޒިންމާ އަފްޣާނިސްތާނަށް އޮތް ކަމަށާ، "މިހާތަނަށް އެކަމުގައި އެމީހުން ފެއިލްވެފައިވާ" ކަމަށެވެ.

"ޕާކިސްތާނުން އެގައުމުގެ ރައްޔިތުންގެ ސަލާމަތާއި އެގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ބޭނުންވާ ހުރިހާ އިޚްތިޔާރުތަކެއް ބޭނުން ކުރުން ކުރިއަށް ގެންދާނެ،" ކަމަށް ވެސް އޭނާ ލިޔުއްވިއެވެ.

- ކޮމެންޓް