އިރުމަތީ އަފްޣާނިސްތާނަށް، ޕާކިސްތާން ސިފައިން ދިން ކަމަށް ތުހުމަތު ކުރެވޭ ވައިގެ ހަމަލާއެއްގައި ކުޑަކުދިންނާއި އަންހެނެއް ހިމެނޭ ގޮތަށް މަދުވެގެން 10 މީހުން މަރުވެއްޖެ ކަމަށް ތާލިބާނުން ހިންގާ އަފްޣާން ސަރުކާރުން ބުނެފިއެވެ.
އަންގާރަ ދުވަހު އެކްސް ގައި ކުރި ޕޯސްޓެއްގައި ތާލިބާންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ، ޕާކިސްތާން ސިފައިން ޚޯސްތު ޕްރޮވިންސްގެ ގޯބުޒް ޑިސްޓްރިކްޓަށް ރޭގަނޑު ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
އޭނާ ބުނީ، ރޭ ގާތްގަނޑަކަށް 12 ޖަހާކަންހާއިރު ޚޯސްތު ޕްރޮވިންސްގެ ގޯބުޒް ޑިސްޓްރިކްޓްގެ މުޣަލްގާ ސަރަޙައްދުގައި، ޕާކިސްތާންގެ ސިފައިން ވަނީ އެސަރަޙައްދުގެ އާންމު ރައްޔިތެއްގެ ގެއަށް ބޮން އަޅާފައެވެ. ޙާދިސާ ގައި، ނުވަ ކުދިން (ފަސް ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިން) އާއި އަންހެނަކު މަރުވެ، ގެ ހަލާކުވެފައިވާ ކަމަށެވެ.
މުޖާހިދު ބުނީ ކުނާރު އަދި ޕަކްޓިކާ ޕްރޮވިންސްތަކަށް އިތުރު ހަމަލާތައް ދީފައިވާ ކަމަށާއި، އެތަންތަނުން ހަތަރު އާންމު ރައްޔިތުންނަށް އަނިޔާވެފައިވާ ކަމަށެވެ.
މިހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.
އަފްޣާނިސްތާނަށް ހަމަލާތައް އަމާޒު މިވީ، ޕެޝާވަރުގައި ޕާކިސްތާނުގެ ޕެރަމިލިޓަރީ ފެޑެރަލް ކޮންސްޓަބިއުލަރީގެ މައި މަރުކަޒަށް ތިން މީހަކު ޖާނުން ފިދާ ވެގެން ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ.
ޕެޝާވަރުގެ ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ތަހްރީކް-އި-ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ވަކިވެފައިވާ ޖަމާއަތެއް ކަމަށްވާ ޖަމާޢަތުލް އަހްރާރުންނެވެ. މި ހަމަލާގައި ޕާކިސްތާނުގެ ސެކިއުރިޓީ ފޯސްގެ ތިން މީހުން މަރުވެފައިވެއެވެ.
ސަރުކާރުގެ ބްރޯޑްކާސްޓަރު ޕީޓީވީން ބުނެފައިވާ ގޮތުގައި، ހަމަލާދިން މީހުންނަކީ އަފްޣާނިސްތާނުގެ ރައްޔިތުންނެވެ. ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ މި ހާދިސާ ކުށްވެރިކުރައްވާފަ އެވެ..
ނޮވެމްބަރު މަހުގެ ކުރީކޮޅު، ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ހުންނަ ކޯޓްހައުސް ބޭރުގައި ވަރުގަދަ ބޮމުގެ ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ 36 މީހުންނަށް އަނިޔާވި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.