Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 11:05
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި ޔުކްރެއިންގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުން އަންނަ މެކްރޮން ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި އެމެރިކާ އާއި ޔޫރަޕުގެ އެކުވެރިކަން އަދި ގުޅުން ވަރަށް މުހިންމުވާ ކަމަށެވެ. އެއީ އެތައް ފަހަރު ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއްކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ދެ ބައި މީހުން ވެސް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތާއު، ޔުކްރެއިންގެ މައްސަލައިގައި އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން މިހެން ވިދާޅުވީ ޗައިނާ އަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މެކްރޮން ވިދާޅުވީ އެމެރިކާ އާއި ޔޫރަޕާ ދެމެދު އިތުބާރު ނެތުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެމެރިކާ އިން ޔުކްރެއިން އަށް ދޮގު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ކޮށްފައިވާ ރިޕޯޓަކީ ވެސް ދޮގު ރިޕޯޓެއް ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.

ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި ޔުކްރެއިންގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވަމުން އަންނަ މެކްރޮން ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި އެމެރިކާ އާއި ޔޫރަޕުގެ އެކުވެރިކަން އަދި ގުޅުން ވަރަށް މުހިންމުވާ ކަމަށެވެ. އެއީ އެތައް ފަހަރު ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއްކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ދެ ބައި މީހުން ވެސް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މެކްރޮން ވިދާޅުވީ ސުލްޙަވެރިކަން ޤާއިމު ކުރުމަށް އެމެރިކާ އިން ކުރަމުން އަންނަ މަސައްކަތް ތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެމެރިކާ އަށް ޔޫރަޕުގެ ޤައުމު ތަކުގެ ތާއީދު ވަރަށް މުހިންމު ވާނެކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ޔޫރަޕުން އޮތީ އެކަމަށް ތައްޔާރަށް ކަމަށެވެ.

ޖަރުމަނުގެ މެގަޒިނެއް ކަމަށްވާ ސްޕީގަލް އިން ބުރާސްފަތި ދުވަހު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ފްރާންސްގެ ރައީސް އާާއި ޖަރުމަނުގެ ޗާންސެލަރު ނުރަސްމީ ހައިސިއްޔަތުން ކޮށްފައިވާ ފޯނު ކޯލެއްގެ ޓްރާންސްކްރިޕްޓް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ކޯލުގައި ފްރާންސްގެ ރައީސް އާއި ޖަރުމަނުގެ ޗާންސެލަރު ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާ ސަރުކާރުގެ އިސްްވެރިން ކުރާ މަސައްކަތާ މެދު ސުވާލު އުފައްދަވާފައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ސްޕީގަލް މެގަޒިންގެ ރިޕޯޓާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން މެކްރޮން ވިދާޅުވެފައި ވަނީ، އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެންމެހާ ކަންކަން ދޮގު ކުރައްވާ ކަމަށެވެ. އަދި ސުލްޙަ އަށް އެމެރިކާ އަކީ ވަރަށް ބޭނުންތެރި ޤައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސުލްޙަ އަކީ ދެމެހެއްޓެނިވި ކަަމަކަށް ހަދައި، ވަރުގަދަ ސުލްޙަ އަކަށް ހެދުމަށް އެމެރިކާ އަށް ޔޫރަޕު ބޭނުންވާނެ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

އިތުރަށް މެކްރޮން ވިދާޅުވީ ޔޫރަޕާއި، އެމެރިކާ އާއި، ކެނެޑާ އާއި، އޮސްޓްރޭލިއާ އަދި ޖަޕާން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ، ސުލްޙަވެރިކަން ހާސިލުވާން ނެތް ކަމަށެވެ. މެކްރޮން މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ ގެންދަވަނީ ވަރަށް ބޮަޑަށް ބާރު އަޅުއްވަމުންނެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހަނގުރާމަ ހިނގަމުން އަންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ހަނގުރާމަ ނިންމުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އަދި އެކަމުގައި ފްރާންސް ހިމެނޭހެން، ޔޫރަޕުގެ ޤައުމު ތަކުގެ ތާއީދު އޮތީ ޔުކްރެއިން އަށެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް