ރަޝިޔާ ގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި އިތުރު ފަސް މީހަކު ހައްޔަރު ކުރުމަށް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓޫ (އައިސީސީ) އިން ނެރެފައިވާ އަމުރު ދެމި އޮންނާނެ ކަމަށް ބުނެފި އެވެ.
އައިސީސީ ގެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ، ރަޝިޔާ އިން ޔުކްރެއިން ގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް، އެމެރިކާގެ އިސްނެގުމުގެ ދަށުން ކުރިއަށްދާ ސުލްޙައިގެ މަޝްވަރާ ތަކުގައި އެކަމަށް ޕުޓިން އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް، އޭނާ ހައްޔަރު ކުރުމުން އަމުރު ދެމި އޮންނާނެ ކަމަށެވެ.
ޕްރޮސެކިއުޓަރުން މިހެން ބުނެފައި ވަނީ ހުކުރު ދުވަހު އެވެ. އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ޗުއްޓީ ގައި ހުންނަވަނިކޮށް، މި ވާހަކަ ދައްކަވާފައި ވަނީ ކޯޓުގެ ތަހުގީގު ތަކުގެ ޒިންމާ ނަގައިގެން ހުންނެވި ޑެޕިއުޓީ ޕްރޮސެކިއުޓަރުން ކަމަށްވާ މާމޭ މަންޑިއާތޭ ނިއާންގް އަދި ނަޒްހަތު ޝަމީން ޚާން އެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ، އައިސީސީ އިން ނެރެފައިވާ އަމުރު ސަސްޕެންޑު ކުރުމަށް އދ ގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއް ބޭނުންވާނެ ކަމަށެވެ.
ޕުޓިން އާއި އިތުރު ފަސް މީހަކު ހައްޔަރު ކުރުމުގެ އަމުރު އައިސީސީ އިން ނެރެފައި ވަނީ 2022 ވަނަ އަހަރު ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާދީ، ހަނގުރާމަ ފެށި ފަހުންނެވެ. އެއީ ހަނގުރާމައިގައި ޕުޓިން އާއި، އެ ފަސް މީހުން ވެސް ކުށްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޕުޓިން އާއި ރަޝިޔާގެ ކުޑަ ކުދިންގެ ހައްގުތަކުގެ ކޮމިޝަނަރުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ޔުކްރެއިން އިން ހަތަރު ސަތޭކަ ކުޑަ ކުދިން ޤާނޫނާ ޚިލާފަށް ބޭރު ކޮށްފާއިވާ ކަމުގެ ތުހުމަތެވެ.
ޕުޓިން އާއި ރަޝިޔާގެ މީހުންގެ މައްޗަށް އައިސީސީ އިން ނެރެފައިވާ އަމުރުގައި ކޮށްފައިވާ ތުހުމަތުތައް ރަޝިޔާ އިން ވަނީ ދޮގު ކޮށްފަ އެވެ. އަދި ހަނގުރާމައިގެ ކުށްތަކެއް ރަޝިޔާ އިން ހިންގަމުން އަންނަ ބުނާ ވާހަކަ ވެސް، ރަޝިޔާ އިން އަބަދު ވެސް އަންނަނީ ދޮގު ކުރަމުންނެވެ.
އައިސީސީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޚާން ވިދާޅުވީ، ސުލްޙައިގެ އެއްްބަސްވުމަށް ފަހު، ތަހުގީގު ފަސް ކުރުމަށް ސަލާމަތީ މަޖިލީހުން އެދިއްޖެ ނަމަ، އެއީ ސަލާމަތީ ކައުންސިލްގެ ސިޔާސީ މަރުޙަލާ އަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް، އައިސީސީގެ ޒިންމާ ތަކާއި، އެ ކޯޓުގެ މަސައްކަތް ތަކަަށް ބަލާއިރު، އިންސާފު ހޯދައި ދިނުމަށް ކުރާ ކަންކަން ނުހުއްޓޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ، އެމެރިކާ އިން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭން އާންމުވެފަ އެވެ. އެ ޕްލޭންއާ ގުޅިގެން ޔުކްރެއިން އާއި، ޔޫރަޕުގެ ޤައުމު ތަކުން ވެސް ވަނީ ކަަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެ ޤައުމު ތަކުން ބުނަމުން އަންނަނީ، އެ ޕްލޭން އެކުލަވާލާފައި ވަނީ ރަޝިޔާގެ ހުށަހެޅުން ތަކަށް ފުރުސަތު ފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން އެ ޕްލޭންގައި ބުނެފައި ވަނީ ހަނގުރާމައިގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް، އެ މީހުން އަމަލު ތަކަށް ފުރިހަމަ މައާފު ލިބޭނެ ކަމަށެވެ.
ނަމަވެސް، ޔުކްރެއިންގެ ފަރާތުން އެކަންކަން ޤަބޫލު ނުކުރެ އެވެ. އެގޮތުން މީގެ ކުރިން ޔުކްރެއިންގެ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅަކު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ، ނިކަމެތި ކަމުގެ ހަމަލާތައް ދީ، ކުށްތައް ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އެހެންކަމުން އެ ކުށްތައް ކޮށްފައިވާ އެންމެހާ ފަރާތްތައް އަދަބުން ސަލާމަތްވުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ދުނިޔޭގައި ހިނގަމުން އަންނަ މައްސަލަތައް ތަހުގީގު ކުރުމުގެ އިޙުތިސާސް އޮންނަ އައިސީސީގައި 125 މެމްބަރު ޤައުމުން ބައިވެރިވެފައިވެ އެވެ. ދުނިޔޭގެ ބޮޑެތި ބާރު ތަކުގެ ގޮތުގައި ފާހަގަ ކުރެވޭ އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާ އިން އައިސީސީގައި ބައިވެރިވެފައި ނުވެ އެވެ.