Advertisement
ކ. މާލެ
|
22 ނޮވެންބަރ 2025 | ހޮނިހިރު 19:23
އަތޮޅު ކައުންސިލް ތައް އުވާލުމާ ދެކޮޅަށް ކުޑަހުވަދޫ ގައި ކުރި މުޒާހަރާ ގެ ތެރެއިން
އަތޮޅު ކައުންސިލް ތައް އުވާލުމާ ދެކޮޅަށް ކުޑަހުވަދޫ ގައި ކުރި މުޒާހަރާ ގެ ތެރެއިން
ސޯޝަލް މީޑިއާ
ލާމަރުކަޒީ ނިޒާމު
ކުޑަހުވަދޫގައި، އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް މުޒާހަރާކޮށްފި
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި އަތޮޅު ކައުންސިލްތައް އުވާލުމާއި އެލްޖީއޭއަށް އިތުރު ބާރުތަކެއް ދިނުން ހިމެނޭ
މި އިސްލާހުތަކުން ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް ކުޑަކުރުމާއި ކައުންސިލްތަކުގެ މިނިވަންކަން ކުޑަވެގެންދާނެތީ ކުޑަހުވަދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ދ އަތޮޅު ކުޑަހުވަދޫ ރައްޔިތުން ސުލްހަވެރި މުޒާހަރާއެއް ކޮށްފި އެވެ.

ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލުމާއި އެލްޖީއޭ އަށް އިތުރު ބާރުތަކެއް ދިނުމާ ދެކޮޅަށް ކުޑަހުވަދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުޑަހުވަދޫ ބަނދަރު ސަރަހައްދުގައި ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި މުޒާހަރާގައި އެ ރަށުގެ އެކި ސިޔާސީ ފިކުރުގެ ގިނަ ބަޔަކު ބައިވެރިވި އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލުމަކީ ރައްޔިތުންގެ ބާރު ކުޑަކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ، މި ބަދަލުތަކާ ދެކޮޅަށް ބެނަރުތަކާއި ފިލާތައް ހިފައިގެން އަޑުއުފުލާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ޒަމާނުއްސުރެ ދ. އަތޮޅު ވެރިކަން ކުރާ ރަށުގެ ގޮތުގައި ކުޑަހުވަދޫ އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަތޮޅު ކައުންސިލްތައް އުވާލުމުން އަތޮޅުގެ ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ކުޑަވެ، އަތޮޅުގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ދަތިވެގެންދާނެ ކަމަށް މުޒާހަރާ ގެ ބައިވެރިން ފާހަގަކުރި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ ތިން ކައުންސިލަރުންނާއި، 2000 އަށް ވުރެ ބޮޑު ނަމަ ފަސް ކައުންސިލަރުން އިންތިހާބު ކުރުމަށް ހިމެނެ އެވެ. މިއީ މިހާރު އޮންނަ ނިޒާމަށް ވުރެ ކައުންސިލަރުންގެ އަދަދު ވަރަށް ބޮޑަށް ކުޑަކުރުމެއް ކަމަށް ވާތީ، މިކަމުން ރައްޔިތުންގެ ބައިވެރިވުން ކުޑަވެގެންދާނެ ކަމަުގެ ކަންބޮޑުވުން މުޒާހަރާގެ ބައިވެރިން ފާޅުކުރި އެވެ.

އިސްލާހުތަކުގައި ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ލާޒިމު ކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ވެސް ކައުންސިލަރުންގެ އަދަދާ އެއްވަރަށް ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އެ އިދާރާއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އިސްލާހުތަކުގައި ކައުންސިލްތަކުން ރަސްމީކޮށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ބަދަލުގައި މަރުކަޒީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނު އަސާސީ ގެ 230 ވަނަ މާއްދާ ގެ ށ، 231 ވަނަ މާއްދާގެ ހ. ގެ ތިން ވަނަ ނަންބަރު، އަދި 231 ވަނަ މާއްދާގެ ށ. ގައިވާ އަތޮޅު ކައުންސިލާ ގުޅޭ ބައި އުނިކުރުމަށް ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. ގާނޫނު އަސާސީއަށް މިފަދަ ބަދަލުތައް ގެނައުމަކީ ރައްޔިތުންގެ ހައްގުތައް ކުޑަކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ، މި ބަދަލުތައް ނުގެންނަން މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

- ކޮމެންޓް