ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު 30 ދުވަސްތެރޭ ގެޒެޓުކުރަންޖެހޭ އުސޫލެއް، ދެ މަސްވާން ގާތްވެފައިވަނިކޮށް ހޯމަ ދުވަހު ގެޒެޓުކޮށްފިއެވެ.
މި އުސޫލު ގެޒެޓުނުކުރެވި ލަސްވުމުގެ ސަބަބުން ކައުންސިލްތަކަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ނުނެގި، ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާކަމަށް ކައުންސިލްތަކުން އައީ ބުނަމުންނެވެ.
މިދިޔަ އޮގަސްޓް 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރައްވައި އެ އިސްލާހުތަކަށް އަމަލުކުރަން ފަށާފައިވަނީ އޮގަސް މަހުގެ 18 ވަނަ ދުވަހުއެވެ. މި އިސްލާހުތަކާއެކު ކައުންސިލްތަކުގެ ދައުރު ހަމަވާ އަހަރު، ވަރަށް ގިނަ ކަންކަން ނުކުރެވޭގޮތަށް ވަނީ ހަދާފައެވެ. މީގެ ތެރޭގައި މުވައްޒަފުން ނެގުމާއި، މަސައްކަތް ހަވާލުކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
އޮކްޓޫބަރު 6 ގައި ގެޒެޓުކުރި އުސޫލުގައި ވަނީ ކައުންސިލްގެ ދައުރު ހަމަވާން އަހަރެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ މުވައްޒަފުން ހޯދުމާއި، ކައުންސިލްގެ އިޚްތިޞާޞްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި، ތަރައްޤީގެ ޕްލޭންތަކުގައި ނުހިމެނޭ މަޝްރޫޢުތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައަޅާފައެވެ.
އެގޮތުން އެ އުސޫލުގެ ހަތަރުވަނަ ބާބުގައި ވާގޮތުން ކައުންސިލްގެ ދައުރު ނިމެން އަހަރެއް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ ކައުންސިލްތަކުން ކަނޑާއަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އައު އެއްވެސް މަޝްޜޫއެއް ހިންގައިގެން ނުވަތަ ފަށައިގެންވެސް ނުވާނެ އެވެ.
މި އުސޫލު ގެޒެޓު ނުކުރެވި ލަސްވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވަ އައްޑޫ ސިޓި ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްއަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނުނެގި މުހިންމު މަސައްކަތް ތަކެއް ހުއްޓިފައިވާކަމަށެވެ. އަދި މިލިއަނުން ހަރަދުކޮށް ކައުންސިލްއަށް ގަނެފައިވާ ސްވީޕަރުތައް ބޭނުންނުކުރެވި ލަސްވަމުންދަނީ ޑްރައިވަރުން ނަގަން ހުއްދަ ނުދެއްވާތީ ކަމަށާއި އަދި އެ ކަމުގެ ސަބަބުން ކޮންޓްރެކްޓް ހަމަވެފައިވާ ގިނަމުވައްޒަފުންތަކެއްގެ ވަޒީފާތައް ވެސް ދަނީ ގެއްލެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލަކީ ކައުންސިލްތަކަށް ޒަހަރުލުން ކަމަށް ވެސް ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.