ދިވެހިރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭ ފުރަތަމަ އަހަރަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު ޝަމްހީދު ވިދާޅުވީ ބަޖެޓާ މެދު ބޮޑެތި ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ. 2025 ވަނަ އަހަރު ބަޖެޓު ވިއްކީ ގެދޮރުވެރިކަމުގެ ބަޖެޓުގެ ގޮތުގައި ކަމަށާއި، ނަމަވެސް ނަތީޖާ އެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ފާސް ކުރެވުނު ބަޖެޓާއި، ހޭދަ ކުރެވުނު ބަޖެޓާ އެއްވެސް ވަރަކަށް ދިމާނުވާ ކަމަށެވެ. ނަމަވެސް މި ބަޖެޓުގައި ހިމަނާފައިވާ އަދަދު ހޭދަ ކުރާނެ ކަމަށް ސަރުކާރުން ބުނާއިރު، މި ފައިސާތައް ބޭނުން ކުރަމުން ދަނީ ގޮތް ނޭނގޭ ކަންތައްތަކަކަށް ކަމަށެވެ.
ރައްޔިތުންގެ ތަރައްގީއަށް އަޅުގަނޑުމެންނަށް 2025 ވަނަ އަހަރު ބަޖެޓު ވިއްކީ ގެދޮރުވެރިކަމުގެ ބަޖެޓުގެ ގޮތުގައި. އެގޮތުން 2.8 ބިލިއަން ރުފިޔާ ބަޖެޓުގައި ގެދޮރުވެރިކަމަށް ޚާއްސަ ކުރެވުނު. އެތަނުން އެއް ބިލިއަން ރުފިޔާ އަކީ ލޯ އިންޓަރެސްޓް ރޭޓުގައި ރައްޔިތުންނަށް ލޯނު ދިނުމަށް ޚާއްސަ ކުރެވުނު އެއް ބިލިއަން ރުފިޔާ. މި އެއްބިލިއަން ރުފިޔާއަށް ވީ ގޮތެއް ނޭނގުނު. ދެން އޮތީ 1.8 ބިލިއަން ރުފިޔާ އަކީ ފްލެޓު އެޅުމަށް ޚާއްސަ ކުރެވުނު 1.8 ބިލިއަން ރުފިޔާ. މި 1.8 ބިލިއަން ރުފިޔާ ވެސް ޑިފެންސްއަށާއި، އަދި ސަރުކާރުގެ ކުންފުނިތަކަށް އެކިއެކި ކަންތައްތަކަށް ހޭދަ ކުރުމަށް ގޮސް ހުސްކޮށްފި.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު![]()
2026 ގެ ބަޖެޓަށް އިޝާރާތް ކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ރިކަރަންޓް ހަރަދު އިތުރުވާނެ ކަމަށާއި، އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭ ފުރަތަމަ އަހަރަށް ވާނެ ކަމަށެވެ.
2026 ވަނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގައި އަޅުގަނޑުމެން ބަލާލާއިރުގައި އެންމެ ކަންބޮޑުވާ އެއްކަމަކީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ރިކަރަންޓް ހަރަދު އިތުރުވެގެންދާ ކަމަށް ބެލޭވޭ ބެލުން. އެމްއެމްއޭ އާއި އޮޑިޓަރ ޖެނަރަލް ވެސް ލަފާ ކުރަނީ އަންނަ އަހަރު ނިމޭއިރު އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ ނުލިބި ހާސިލް ނުވެދާނެ ކަމަށް. އެހެން ކަމަށްވާނަމަ ރިކަރަންޓު ހަރަދަށް ޖައްސަވާފައި އޮތް އަދަދު އެގޮތަށް ހޭދަވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަކީ ދިވެހި ރާއްޖޭގެ ތާރީހުގައި މިގޮތަށް ރިކަރަންޓު ހަރަދު ހަމަޖައްސަން ނޫނީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭ އަހަރަކަށް މިއޮތީ ވެފައި.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު![]()
މެންބަރު ޝަމްހީދު ވިދާޅުވީ 2026 ގެ ބަޖެޓުން މުޅި ގައުމަށް ގެއްލުން ވާނެ ކަމަށެވެ. އަދި ބަޖެޓު ހޭދަ ކުރަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.