ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތެއްގެ ގޮތުން މަހަކު 30،000 ރުފިޔާ ދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ކުރަމުން އަންނަ ހަރަދު އުނިކޮށް، ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއް ދޭންޖެހޭ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތް ތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ.
މެންބަރު ހުށަހެޅުއްވި ބިލުގައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000 ރުފިޔާ އުނި ކުރުމަށެވެ. އިސްލާހުގައި ވަނީ ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެ، ނުވަތަ ދައުލަތުގެ އެހެން މަޤާމެއް ފުރުއްވާނަމަ، އެ މުއްދަތުގައި މި އިނާޔަތްތައް ނުލިބޭނެ ގޮތަށް ވެސް ބަދަލު ގެންނަން ހުށަހަޅާފަ އެވެ.
މީގެ އިތުރުން، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި އެ ބޭފުޅަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމުނުވާނެ ކަމަށް ވެސް ބިލުގައި ވެއެވެ.
މި އިސްލާހުގެ ސަބަބުން ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތަކުގެ ތެރެއިން ބޮޑު ބަދަލެއް އަންނަ އިރު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތެއްގެ ގޮތުން މަހަކު 25،000 ރުފިޔާ ދިނުމަށް ބިލުގައި ހިމަނާފައިވެ އެވެ. އަދި އެ ބޭފުޅުންނަށް ވެސް ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެއެވެ.
ނަމަވެސް ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށް ބަލާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކޮށްފައިވާ ނަމަ ކަމަށް އިސްލާހުގައި ވެއެވެ. އިސްލާހުގައި ވާ ގޮތުން މި އިނާޔަތަށް މިވަގުތު ޝަރުތު ހަމަވާ ހަމައެކަނި ބޭފުޅަކީ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި އެ މަގާމު ފުރުއްވި ފައިސަލް ނަސީމް އެވެ.
މި ބިލު ދިރާސާ ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނެވެ. ބިލު ދިރާސާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީ އިން ވަނީ އެއް އިސްލާހު ބިލަށް ގެނަސްފަ އެވެ. އެގޮތުން މި ބިލުގެ 5 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތް ތަކާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރަން ހުށަހަޅާފައިވާ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ކޮމިޓީ އިން ވަނީ އިސްލާހު ކޮށްފަ އެވެ.
ކޮމިޓީ އިން ފާސް ކުރީ ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތެއްގެ ގޮތުން މަހަކު 30،000 ރުފިޔާ ދިނުމަށެވެ. މި އިސްލާހު ކޮމިޓީ އިން ފާސް ކުރީ ހޮނިހިރު ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލު ވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު މަޖިލީހުން ފާސް ކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރި ކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވާ ދިވެހި ސަރުކާރު ގެ ގެޒެޓުގައި ޝާއިއު ކުރެއްވުމާއެކު މިހާރު ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާފަ އެވެ.