އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން އެދޭ ފަރާތްތަކުން 20 އަހަރު ދުވަހުގެ މުއްދަތަކަށް އިންތިޒާރު ކުރަން ޖެހޭނެ ކަމަށް ހޯމް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.
މި ބަދަލު އެކުލެވޭ ޕްލޭން ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ހޯމަ ދުވަހު އިއުލާން ކުރައްވަން ވަނީ ހަމަ ޖެހިފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ސިޔާސަތަށް ގެނައުމަށް ހަމަޖެހިފައިވާ މި ބޮޑު ބަދަލު ގެންނަނީ ކުދި ބޯޓުފަހަރުގައި ރެފިއުޖީން އެ ގައުމަށް އައުން ކޮންޓްރޯލު ކުރުމަށާއި ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި އައު ޕްލޭންތަކުގެ ދަށުން، ރެފިއުޖީންގެ ގޮތުގައި ތިބެން ހުއްދަ ދެވޭނީ ވަގުތީ ގޮތުން ކަމަށާއި، އެމީހުންގެ ރިފިއުޖީ ސްޓޭޓަސް ގަވާއިދުން ރިވިއު ކުރާނެ ކަމަށާއި، އެމީހުންގެ އުފަން ގައުމުގެ ހާލަތު ރަނގަޅު ކަމަށް ދެކޭ މީހުންނަށް އެނބުރި ދާން އަންގާނެ ކަމަށް ބުނެފައިވެއެވެ.
މިހާރު ރިފިއުޖީ ސްޓޭޓަސް ދެމިއޮންނަނީ ފަސް އަހަރަށް ކަމަށާއި، އެއަށްފަހު ދާއިމީ ކޮށް އިނގިރޭސިވިލާތުގައި ތިބުމަށް ހުއްދަ އަށް އެދެން ފުރުސަތު ލިބެއެވެ.
މިހާރު ހޯމް ސެކްރެޓަރީ ހުށަހަޅުއްވާފައި ވަނީ އެސައިލަމްގެ ދަށުން ވަގުތީ ގޮތުން އެ ގައުމުގައި ތިބުމުގެ ހުއްދައިގެ މުއްދަތު ފަސް އަހަރުން ދެ އަހަރާއި ބަޔަށް ކުރުކުރުމަށް ކަމަށާއި، އެއަށްފަހު ރިފިއުޖީ ސްޓޭޓަސް ގަވާއިދުން ރިވިއު ކުރަމުން ގެންދިއުމަށެވެ.
އޭގެ އިތުރުން ހޯމް ސެކްރެޓަރީ ވަނީ ޔުކޭގައި ދާއިމީ ރެޒިޑެންސް ހޯދަން ނަގާނެ ވަގުތު ފަސް އަހަރުން 20 އަހަރަށް ދިގުކުރުމަށް ރާވާފައެވެ.
މަހްމޫދު ސަންޑޭ ޓައިމްސް އަށް ވިދާޅުވީ މި ބަދަލުތައް ޑިޒައިން ކުރެވިފައިވަނީ ގާނޫނާ ޚިލާފަށް އިނގިރޭސިވިލާތައް އެތެރެވާން މަސައްކަތް ނުކުރުމަށް މީހުންނަށް ދޭ މެސެޖެއްގެ ގޮތުގައި ކަމުގައެވެ.
އޭނާ ވިދާޅުވީ "ގާނޫނާ ހިލާފަށް އެތެރެވާ މީހުންގެ ސަބަބުން ގައުމު ބައިބައިކުރަމުންދާ" ކަމަށާއި، ގައުމު އެއްބައިވަންތަ ކުރުމަކީ ސަރުކާރުގެ ޒިންމާ އެއް ކަމުގައެވެ.
"އަޅުގަނޑުމެން މިކަން ހައްލު ނުކުރާނަމަ، އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންގެ ގައުމު ވަރަށް ބޮޑަށް ބައިބައިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މި ސިޔާސަތު ކޮޕީ ކުރެވިފައިވަނީ ޑެންމާކުން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޔޫރަޕްގައި ސަލާމަތާއި އިމިގްރޭޝަން ނިޒާމުތަކުގެ ތެރެއިން އެންމެ ހަރުކަށި އެއް ނިޒާމެއް ހިންގަމުންދާ ގައުމެއް ކަން އެނާ ފާހަގަ ކުރެއްވި އެވެ.
ޑެންމާކުގައި، ރިފިއުޖީންނަށް ދެވެނީ ވަގުތީ ރެޒިޑެންސް ޕާމިޓްތަކެއް ކަމަށާއި، އާންމު ގޮތެއްގައި ދެ އަހަރަށް ކަމަށާއި، އަދި ހަގީގަތުގައި އެ މުއްދަތު ހަމަވުމުން އަލުން އިތުރަށް ތިބެން އެދެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.