އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގަތުމުގެ ކުރިން ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ބޮޑުވަޒީރު ކީއަރ ސްޓާމަރ އަށް ވަގުތު ކުޑަތަންވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ މި އެއްބަސްވުން ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ނާޒުކު ހާލަތެއްގައެވެ.
ދެ ސަރުކާރުން ނެރުނު ބަޔާނެއްގައި އަދިވެސް އެއްބަސްވުމަކަށް ނާދެވޭ ކަމަށް ވަނީ ބުނެފައެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާތަކުގައި ބްރިޓިޝް ކޮލޯނިއަލް ވެރިކަން ނިމުމަކަށް ގެނައުމަށް ލޭބަރ ޕާޓީން ކުރަމުންދާ މަސައްކަތްތަކަށް ބައިޑެން ސަރުކާރުގެ ތާއީދު ލިބިފައިވީ ނަމަވެސް، އަންނަން އޮތް ޓްރަމްޕްގެ ސަރުކާރުން މި އެއްބަސްވުމާ ދެކޮޅު ހަދައި، އެ އެއްބަސްވުން ހުއްޓުވުމަށް ގޮތްތަކެއް ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި މައްސަލަ އިތުރަށް އުނދަގޫ ވެފައިވަނީ މޮރިޝަސް ގައި އަލަށް އިންތިޚާބުވި ސަރުކާރުން ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އާއެކު ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުން ބަލައިނުގަތުމުންނެވެ. މިކަމުގެ ސަބަބުން އަލުން މަޝްވަރާތަކެއް ކުރަން ވަނީ ޖެހިފައެވެ.
ހޯމަ ދުވަހު އިނގިރޭސިވިލާތާއި މޮރިޝަސް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ: "މޮރިޝަސް އާއި އިނގިރޭސިވިލާތުގެ މަންދޫބުން މި ހަފްތާގައި ލަންޑަނުގައި ޗާގޯސް ޖަޒީރާތަކުގެ މުސްތަޤްބަލާ ގުޅޭގޮތުން އިތުރު ފައިދާހުރި މަޝްވަރާތަކެއް ކުރިއެވެ. ރަނގަޅު ކުރިއެރުންތަކެއް ލިބި، ދެ ފަރާތުގެ މަސްލަހަތަށް ފައިދާހުރި އެއްބަސްވުމަކަށް ވާސިލުވުމަށް މަޝްވަރާތައް ކުރިއަށްދަނީއެވެ."
އިނގިރޭސިވިލާތުން މިހާރު ވަނީ ޑިއެގޯ ގާސިއާ ގައި ހުންނަ އަސްކަރީ ބޭސް ކުއްޔަށް ހިފުމަށް އެޑްވާންސަށް ފައިސާ ދޭނެ ކަމަށް ބުނެފައެވެ. މި ހުށަހެޅުމާ އެކުވެސް ޚިލާފު އުފެދިފައިވާ ކަންކަން ހައްލު ކުރެވޭ ގޮތެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެ ޤައުމުންވެސް ތަކުރާރުކޮށް ބުނެފައިވަނީ، ޗާގޯސް ޖަޒީރާތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ގޮތަށް މުޢާހަދާއެއް އެކުލަވާލުމަށާއި އަދި އޭގެ ތެރެއިން ޑިއޭގޯ ގާސިއާ ގައި ހުރި އަސްކަރީ މަރުކަޒު ދިގު މުއްދަތަކަށް، ރައްކާތެރިކަމާއެކު އަދި ފައިދާހުރި ގޮތެއްގައި ހިންގުމަށް ކަށަވަރުކުރުމަށް ދެ ޤައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ހުށަހެޅިފައިވާ އެއްބަސްވުމާމެދު އިނގިރޭސިވިލާތުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ ދުނިޔޭގެ ދެކުނު ބިތުގައި އޮތް ހުޅަނގުގެ ދިފާޢަށް މުހިންމު ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒުގެ މުސްތަޤްބަލާ މެދުގައެވެ. އޭގެ އިތުރަށް، މި އެއްބަސްވުން އޮތުމަކުން މޮރިޝަސް އާއި ޗައިނާއާ ދެމެދު އެ ޖަޒީރާތަކުގައި ވާދަވެރި އަސްކަރީ މަރުކަޒެއް ޤާއިމުކުރުމަށް އެހެން އެއްބަސްވުމެއް ހެދުމަކަށް ހުރަހެއް ނާޅާ ކަމަށްވެސް ބުނެއެވެ. އަދި މޮރިޝަސްއަކީ ނިއުކްލިއަރ ހަތިޔާރު ނުގެންގުޅޭ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ބައިވެރި އެއް ކަމަށްވާތީ، އިނގިރޭސިވިލާތާއި އެމެރިކާ އަށް އެތަނަށް ނިއުކްލިއަރ ހަތިޔާރު ގެންދެވޭނެތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ބައިނަލްއަޤްވާމީ ކޯޓުން އެ ޖަޒީރާތައް މޮރިޝަސްއަށް ލިބެންވާނެ ކަމަށް ނިންމުމަށްފަހު، ކުރީގެ ކޮންޒަވޭޓިވް ސަރުކާރުގެ ދައުރުގައި މަޝްވަރާތައް ފެށުނެވެ. ނަމަވެސް، ކޯޓުގެ ނިންމުމަކީ ލަފައެއް ކަމަށާއި އެ ނިންމުމަށް އަމަލު ނުކޮށް ދޫކޮށްލެވިދާނެ ކަމަށް ފަހުން ވަނީ ފާހަގަ ކުރެވިފައެވެ.
އެހެން ނަމަވެސް، ބޮޑުވަޒީރު ސަރ ކީއަރ އާއި ޚާރިޖީ ވަޒީރު ލެމީ ދެކެވަޑައިގަންނަވާ ގޮތުގައި ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒުގެ ދިގު މުއްދަތުގެ މުސްތަޤްބަލް ޔަޤީންކުރެވޭނީ މޮރިޝަސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމުގެ އެއްބަސްވުމަކަށް އާދެވިގެންނެވެ.
ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިތީ ޕަޓެލް ވިދާޅުވީ އިނގިރޭސި ސަރުކާރުން ގެންގުޅޭ ޗާގޯސް ދޫކޮށްލުމުގެ ސިޔާސަތުން އިނގިރޭސިވިލާތުގެ ޤައުމީ މަސްލަހަތާއި އެ ގައުމުގެ އެކުވެރިންގެ ދިފާޢާއި ސަލާމަތަށް އަސަރުކުރާނެއެވެ.
"ޗާގޯސްގެ މައްޗަށް އަޅުގަނޑުމެންގެ ސިޔާދަތީ ބާރު ދޫކޮށްލުމުން އަޅުގަނޑުމެން ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކަކަށް ހުށަހެޅޭނެއެވެ. އަދި އެއީ އިޤްތިޞާދީ ގޮތުން ވެސް ބުއްދިވެރި ކަމެއް ނޫނެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑަށް ބަލަންޖެހިފައިވާ މި ދަނޑިވަޅުގައި، މިހާރު އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް އަނބުރާ ކުއްޔަށް ހިފުމަށް ޓެކްސް ފައިސާ އިން ބިލިއަން ޕައުންޑުން ޚަރަދުކުރުމަށް އެމީހުން ސޮއި ކުރަނީއެވެ."
ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ހުވާކުރުމަށް އެންމެ ހަފްތާއެއް ބާކީ އޮތްއިރު، މި ހައްސާސް މައްސަލައިގައި، އެމެރިކާގެ އައު ސަރުކާރާ ކުރިމަތިލާން ޖެހުމުގެ ކުރިން އިނގިރޭސި ބޮޑުވަޒީރށް ވަގުތު ކުޑަތަންވަމުންދާ ކަމަށް ބެލޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.