އެމެރިކާގައި ކުރިއަށް ގެންދިޔަ އިންތިޚާބު ތަކުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނީ އޭނާގެ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮތުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ވޯޓު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ ބަލިވުމުގެ މައިގަނޑު ދެ ސަބަބަކީ އޭނާގެ ނަން ވޯޓު ކަރުދާހުގައި ނެތުމުގެ އިތުރުން، އެމެރިކާގެ ސަރުކާރު ހުއްޓިފައި އޮތުމުން ކަމަަށެވެ.
އަންގާރަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ކުރި ހޯދައިފަ އެވެ. އެގޮތުން އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ، ނިއު ޔޯކް ސިޓީގެ މޭޔަރަކަށް އިންތިޚާބުވެފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ޒޯހްރާން މަމްދާނީ އެވެ. އޭނާ އިންތިޚާބު ކާމިޔާބު ކޮށްފައިވާއިރު، ޓްރަމްޕް ވަނީ މަމްދާނީއާ ދެކޮޅަަށް ވަރަށް ގިނަ ވާހަކަ ވެސް ދައްކަވައިފަ އެވެ.
ނިއު ޔޯކްގެ މޭޔަރު ކަމުގެ އިތުރުން، އެމެރިކާގެ އެންމެ މުހިންމު ދެ ސްޓޭޓް ކަމަށްވާ ވާޖިނިއާ އަދި ނިއު ޖާސީގެ ގަވަރުނަރުގެ މަގާމަށް ވެސް އިންތިޚާބު ވެފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ދެ ކެންޑިޑޭޓުންނެވެ. އިންތިޚާބުގެ މި ނަތީޖާ އަކީ 2026 ވަނަ އަހަރު ބާއްވާ މިޑް ޓާމް އިންތިޚާބުގެ ކުރިން، ޓްރަމްޕް އަށް އެމެރިކާގެ ރައްޔިތުން ދީފައިވާ ސާފު އިންޒާރެއް ކަމަށް ސިޔާސީ މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.
އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، އެއީ މިހާރު އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މިއީ އެމެރިކާގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ސަރުކާރުން ހުއްޓިފައި އޮންނަ ފަހަރަށް މިހާރު ވަނީ ވެފަ އެވެ. މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް އެމެރިކާގެ ސަރުކާރު ހުއްޓިފައި ވަނީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގަ އެވެ. 2019 ވަނަ އަހަރުގެ ފަހު ކޮޅު ސަރުކާރު ހުއްޓުމަަކަށް އައިއިރު، އެ ފަހަރު ސަރުކާރު ހުއްޓިފައި އޮތީ 35 ދުވަހުގެ މުއްދަތަކަށެވެ.
ނަމަވެސް، މިއަހަރުގެ ސްޕެޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އަށް ބަޖެޓު ފާސް ނުކުރެވި ފެޑަރަލް ސަރުކާރު ހުއްޓުމަކަށް އައިސްފައިވާއިރު، ސަރުކާރު ހުއްޓިފައި އޮންނަތާ މިހާރު 37 ދުވަސް ވެއްޖެ އެވެ. އެކަމުގައި ކޮންގްރެސް އަށް އަދި ވެސް ޙައްލު ހޯދިފައި ނުވާއިރު، އެކަމުގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރާނެ ކަމަށް މާހިރުން ވަނީ ލަފާ ކޮށްފަ އެވެ.
އިންތިޚާބުގައި ރިޕަބްލިކަން ޕާާޓީ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވާއިރު، ތަޖުރިބާާކާރުން ފާހަގަ ކޮށްފައިވާ ގޮތުގައި މިހާ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނީ ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުންނެވެ. ޚާއްސަކޮށް އާންމު ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މިކަންކަން ތަކުރާރު ވަމުން ދާ ނަމަ، 2026 ވަނަ އަހަރުގެ އިންތިޚާބުގައި މިއަށް ވުރެ ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.