ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ފުވައްމުލަކުގެ ދެ އަވަށެއް ކަމުގައިވާ ދަޑި މަގު ޒުވާނުންނާއި ދިގުވާނޑު ޒުވާނުން ނިކުމެ އެ ސިޓީގެ ކުޅިވަރު އެރީނާގެ ބިންގާ އަޅައިދީފި އެވެ.
ފުވައްމުލަކު ޒުވާނުން ކުޅިވަރު އެރީނާގެ ބިންގާ އަޅައިދީފަ މިވަނީ ރައީސް މުޢިއްޒު އެ ސިޓީއަށް ޒިޔާރަތް ކުރައްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ފުވައްމުލަކު މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އެއް ގައި ބުނީ ފުވައްމުލަކު ސިޓީ ރައްޔިތުންގެ ބޮލުގައި ހުންނަނީ އުނބެއް ނޫން ކަމަށާއި ރައީސް މުޢިއްޒު ރަށްރަށަށް ގޮސް އެރަށުން ފައިބާފަ ލޯންޗުގައި އިނދެ ކައިރީ އިންނަ މީހާގެ ކަންފަތް ބުޑުގައި އެ ރަށު ރައްޔިތުން މިފަހަރުވެސް އަތް ޖެހިއޭ، ކުރިން ފަހަރުވެސް އަތް ޖެހިއޭ ބުންޏަސް ފުވައްމުލަކު ރައްޔިތުން އެހެނެއް ނުވާނެ ކަމަށެވެ. އަދި ފުވައްމުލަކު ރައްޔިތުންނަކީ އެއަށްވުރެ ވިސްނޭ ބައެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މުޢިއްޒު ފުވައްމުލަކު ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން ނުނެތޭ ކަމަށާއި މީގެ 2 އަހަރު ކުރިން އެމްޑީޕީން 400 ފުލެޓު އަޅަން ދީފައި އޮތް ތަނެއްގައި ވެސް ބިންގާ އަޅަން އުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި ކުޅިވަރު ކުޅޭހެން މަޖާކުރަން އެކަންކަން ނުކުރުމަށް ގޮވާލައި އޭނާ ބުނީ ބިންގާ އަޅަންޖެހޭނީ އާރުލާ ގޮތައް ކަމަށާއި އެނޫން ގޮތަކަށް ފުވައްމުލަކުގައި ބިންގާ އަޅައިގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، މުޅި ރާއްޖޭގައި މުޢިއްޒު އުދުހެމުން ދަނީ މަޖާކުރަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީ އެއީ ނޫން ކަމަށެވެ. އަދި ރައީސްގެ ވަޒީރުން އެތަން މިތާގަ ދުވަނީ ކަމަށާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ވެސް އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ރައީސް މުޢިއްޒު ފުވައްމުލަކާއި އައްޑު އަތޮޅަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅެއްގައި އަންގާރަ ދުވަހު ވަނީ ފުރާވަޑައިގެންފަ އެވެ. މުއިއްޒު ގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ އަށް ވަޑައިގަންނަވާނެ އެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.