މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެއްވެސް ސަލާމަތީ ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވިކަން ހާމަވި މައްސަލައިގައި އަމަލުކޮށްފައި ވަނީ އުސޫލާއި އެއްގޮތަށް ކަމަށް ބުނެ އެކަން ދިފާއު ކުރަން ކަސްޓަމްސް އިން މަސައްކަތް ކޮށްފި އެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަސްޓަމްސް އާ ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓު ހާމަކޮށްފައި ވާއިރު އެ ރިޕޯޓުގައި ކަސްޓަމްސް އިން އުސޫލާއި ޚިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެ އަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ބެލުމަށް 28 އޮކްޓޫބަރު 2024 ގައި މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން ހިންގި އޮޕަރޭޝަންގައި ކަން ހިނގި ގޮތެވެ.
އެ އޮޕަރޭޝަން ފެށުން ލަސްވި ކަން ކަސްޓަމްސްގެ މުވައްޒަފުން ހާމަކޮށްފައިވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ބޯޓު ކައިރިޔަށް ކަސްޓަމްސްގެ އޮފިސަރުން ދާނެ ލޯންޗެއް ނެތިގެން އޮޕަރޭޝަން ލަސްވި ކަމަށް ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފުލުހުންނާ ގުޅައިގެން ވެސް ލޯންޗެއް ނުލިބުނު ކަމަށާއި، އެންމެ ފަހުން ބޯޓު ކައިރިއަށް ކަސްޓަމްސްގެ އޮފިސަރުން ދިޔައީ ޖަޕާނު ސަރުކާރުން ކަސްޓަމްސް އަށް ހަދިޔާކޮށްފައި އޮތް ސަލާމަތީ ސެޓްފިކެޓު ނުހައްދާ އޮތް ލޯންޗެއްގައި ކަމަށް އޮފިސަރުން ބުނެފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން ކަސްޓަމްސް އާއި ސުވާލުކުރުމުން ކަސްޓަމްސް އިން މިހާތަނަށް ރާއްޖެ އެމްވީ އަށް ދީފައިވާ ޖަވާބަކީ އެ ވަގުތު ކަސްޓަމްސް އިން މަސައްކަތް ކުރީ އުސޫލާއި އެއްގޮތަށް ކަމަށާއި، ވީހާވެސް އަވަހަށް އެ މައްސަލަ އަށް އެޓެންޑް ވުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ އުސޫލާއި އެއްގޮތަށް އެންމެ އަވަހަށް އެކަމަށް އެޓެންޑް ވުމަށް." ކަސްޓަމްސްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
ނަމަވެސް ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވީ ކަސްޓަމްސް އަށް އެނގި ތިބެތޯ، އެކަމަށް ހުއްދަ ދިނީ ކޮން ފަރާތަކުންތޯ އަދި ސެޓްފިކެޓް ނެތް ލޯންޗެއް ދުއްވި އިރު އުސޫލާއި އެއްގޮތަށް އަމަލުކުރި ކަމަށް ބުނަނީ ކޮން އުސޫލަކަށް ރިއާޔަތްކޮށްކަން ސާފެއް ނޫނެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކަސްޓަމްސް އަށް ގުޅައިގެންނާއި މެސެޖުކޮށްގެން ވެސް އަދި މިހާތަނަށް ރާއްޖެއެމްވީ އަށް މިކަމާއި ގުޅޭ ގޮތުން އިތުރު ޖަވާބެއް ލިބިފަ އެއް ނުވެއެވެ.
މީގެ އިތުރުން ފުލުހުންނާއި މުއާމަލާތުކޮށްގެން ވެސް ލޯންޗެއް ނުލިބުނު ކަމަށް ކަސްޓަމްސް އިން ބުނެފައިވާތީ އެކަމާއި މެދު ފުލުހުންގެ ބަހެއް ހޯދުމަށް ވެސް މި ނޫހުން ވާނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން މި މައްސަލަ އަށް އެއްވެސް ކޮމެންޓެއް ކޮށްފަ އެއް ނުވެއެވެ.
މި ނޫހުން ކުރި ސުވާލުތަކަށް އެ އިދާރާއިން ޖަވާބު ދީފައި ނުވާތީ، މި އޮޕަރޭޝަންގައި ސަލާމަތީ ކަންކަން ފުރިހަމަ ނުވާ އުޅަނދެއް ދުއްވިކަން ފުލުހުންނަށް އެނގޭތޯ އާއި އެކަމާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނެތޯ ނުވަތަ ނޫންތޯ ސާފުވާ ގޮތް ވަނީ ނުވެފައެވެެ.
ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ކަނޑުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރު، ސަލާމަތީ ސެޓްފިކެޓްތައް ނުހައްދައި ދުއްވައިފިކަން ނުވަތަ އޮޕަރޭޓު ކުރާކަން ސާބިތު ވެއްޖެނަމަ، އެ އުޅަނދަށް ހޯދަންޖެހޭ ކޮންމެ ސެޓްފިކެޓަކަށް 1000 ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ އެވެ.
ގާނޫނާ ޚިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުން ގާނޫނާ ޚިލާފުވި ފަރާތްތަކާ މެދު އެޅި ފިޔަވަޅެއް 241 ކޮމިޓީގެ ރިޕޯޓު ގައި ފާހަގަ ކޮށްފަ އެއް ނުވެ އެވެ.