Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 15:01
ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް މުއިއްޒު ވާހަކަފުޅުދެއްކެވުން 27-10-2025
ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް މުއިއްޒު ވާހަކަފުޅުދެއްކެވުން 27-10-2025
ރައީސް އޮފީސް
ޅ.އޮޅުވެލިފުށި
އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބަހާނީ ރައްޔިތުންނަށް ބޭނުންވާ އެހީގެ ގޮތުގައި: މުއިއްޒު
ރަމަޟާންމަހުގެ ކުރިއަށް ކަރަންޓްގެ މައްސަލަ ހައްލުކޮށްދޭނަން
ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، ޅ. އޮޅުވެލިފުއްޓަށް އިތުރުވާނެ

2025 ވަނަ އަހަރުގެ ބިޔަ ބޮޑު ބަޖެޓަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދޭނެ ބަޖެޓެއް ކަމަށް ވިދާޅުވެ އެއްވެސް މަޝްރޫއު އެއް ކުރިއަށް ނުގެންގޮސް އެކަން ފެެއިލްވެފައިވަނިކޮށް، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން މިއަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫޢުތަކުގެ އިތުރަށް، ދެން ހުރި ވަޢުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމުގައި ވިދާޅުވި އެވެ.

ޤާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބައްސަވާނީ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރަށްރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ އިތުރަށް، އިޖުތިމާޢީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުންފުޅުވާކަމަށާ، ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިޙްސާސްކުރެއްވޭނެ އަހަރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ޅ. އޮޅުވެލިފުށީގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

ކަރަންޓުގެ މައްސަލަ: ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫޢުތައްވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، މި މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން، މިކަން އަވަސް ކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ޙައްލު ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އޮޅުވެލިފުށީ ތަރައްޤީގެ ބައެއް އެއްބަސްވުންތައް: ބަނދަރު އަދި ބިންހިއްކުން

ޅ. އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހޯމަ ދުވަހު ހެނދުނު އޮތް ޖަލްސާގައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ހިމެނިގެން، ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފަ އެވެ. މި ހުރިހާ ކަންކަމުގެ ތެރެއިންވެސް ބަނދަރުގެ މަޝްރޫޢު ވެގެން ދާނީ ރަށުގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު ޢުމްރާނީ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމަމިއާއެކު، ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، ޅ. އޮޅުވެލިފުއްޓަށް އިތުރުވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތަޢުލީމާއި ކުޅިވަރުގެ ދާއިރާއާއެކު، ހުރިހާ ދާއިރާއަކުން ވެސް، ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފަ އެވެ.

- ކޮމެންޓް