Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 14:48
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ޅ.އޮޅުވެލިފުށި
އެއްވެސް ވައުދެއް ނުފުއްދާ، ބާކީ ހުރި ވައުދުތައް ވެސް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނައިގެން ފުއްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ދޭނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް
މި ހަފުތާ ނިމުމުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅާނަން
ދެ އަހަރަށް ބަހާލައިގެން ވައުދުތައް އަމަލީގޮތުން ފުއްދުމުގެ މަސައްކަތް ވަނީ ތާވަލް ކޮށްފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން ބާކީ ހުރި ވައުދުތައް އަންނަ އަހަރުގެ ބަޖެޓު ގައި ހިމަނުއްވައިގެން ފުއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ރައީސް މުއިއްޒު މިހެން ވިދާޅުވީ، ކ.އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން މި އަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫއުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ރާއްޖޭގެ ހުރިހާ ރަށްރަށަށް ވެވަޑައިގަތް ވައުދުތަކުގެ މަސައްކަތް ކުރެއްވުމަށް، އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން އެކަންކަން ހިމަނުއްވާނެ ކަަމަށެވެ. އަދި ދެ އަހަރަށް ބަހާލައިގެން ވައުދުތައް އަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ތާވަލު ކޮށްފައިވާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ރައްޔިތުންނަށް ޚިދުމަތްތައް ފަހިވާގޮތަށް ބަޖެޓް ހުށަހަޅާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު ވެފައިހުރި ވައުދުތަކުގެ ތެެރެއިން މި އަހަރު އަމަލީގޮތުން ސޮއިކުރެވި މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއުއަކަށް މި އަންނަ އަހަރުގެ ބަޖެޓުން ޖާގަ އަޅުގަނޑުމެން ހަމަޖައްސާނަން

ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިހާތަނަށް އެމަނިކުފާނު ވެވަޑައިގެނެފައިވާ 2000ށް ވުރެ ގިނަ ވައުދުގެ އަމަލީ އެއްވެސް މަސައްކަތެއް ކާމިޔާބު ކަމާއެކު ކޮށް ނިންމާލެވިފައި ނުވެ އެވެ. އެއްބަސްވުންތަކުގައި ސޮއި ކުރައްވައި، ރަސްމިއްޔާތު ބޭއްވި ނަމަވެސް މަސައްކަތްތައް ކުޅަ ދުވަސް ކޮޅެއްގެ ތެރޭގައި ހުއްޓެ އެވެ. އެކަމާ ގުޅިގެން ގިނަ ރައްޔިތުން ތަކެއްގެ ފާޑު ކިޔުން އެމަނިކުފާނަށާއި، މި ސަރުކާރަށް ވަނީ އަމާޒު ވެފަ އެވެ.

މީގެ އިތުރުން ގާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބައްސަވާނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށް ދެއްވުމަށް ކައުންސިލް ތަކަށް ލާޒިމުވާ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ތަރައްގީ އަށް ކުރައްވާ މަސައްކަތްތަކުގެ އިތުރަށް، އިޖުތިމާއީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުންފުޅުވާ ކަމަށާ، ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިހްސާސް ކުރެއްވޭނެ އަހަރެއް ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އޮޅުވެލިފުށީގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން، ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫއުތައް ވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، މި މައްސަލައަށް ހައްލު ހޯއްދަވައި ދެއްވުމަށް ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ. އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަވައިގެން، މިކަން އަވަސް ކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ ހެނދުނު އޮތް ޖަލްސާގައި، ރަށުގެ ތަރައްގީއާ ގުޅޭ މުހިންމު އެއްބަސްވުން ތަކެއްގައި ވަނީ ސޮއި ކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ހިމެނިގެން، ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް ވެސް ވަނީ ފައްޓަވާފައެވެ. މި ހުރިހާ ކަންކަމުގެ ތެރެއިންވެސް ބަނދަރުގެ މަޝްރޫއު ވެގެންދާނީ ރަށުގެ ތަރައްގީގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު އުމްރާނީ އެއް މަސައްކަތްކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ. ހަމަމިއާއެކު، ބިންހިއްކުމުގެ މަޝްރޫއު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، އޮޅުވެލިފުއްޓަށް އިތުރުވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތައުލީމާއި ކުޅިވަރުގެ ދާއިރާ އާއެކު، ހުރިހާ ދާއިރާ އަކުން ވެސް، ރަށަށް ބޭނުންވާ ތަރައްގީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެން ގޮސް ދެއްވާނެކަމުގެ ޔަގީންކަން، ރައީސް ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.

ތަރައްގީގެ މަޝްރޫއުތައް އެ ރަށުގައި ވެސް ހުއްޓިފައިވާއިރު ކޮންމެ ރަށަކަށް ވަޑައިގެން މުއިއްޒު ދައްކަވަމުން ގެންދަވަނީ އެއް ވާހަކަފުޅު ތަކެއް ކަމާއި ޔަގީންކަން ދެއްވުން ނޫން ކަމެއް ނުކުރައްވާ ކަމަށް ފާޑު ކިޔާފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް