 
                        
                
    
މި ސަރުކާރަށް ކުރެވޭ ހަމަ އެކަނި ކަމަކީ ފްލެޓުތައް އަޅާނެ ދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރުން ކަމަށާއި، އޭގެ ފަހުން ވާނުވާ ނޭނގޭ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އޯޕެން މައިކް ސެޝަން ގައި މެންބަރު އަހުމަދު ދީދީ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ގޯއްޗާއި، ފްލެޓުތައް ދޫ ނުކުރެވުނު ކަމަށާއި، އެކަމުގައި ވެސް ބޮޑަށް ފެއިލް ވެފައިވާ ކަމަށެވެ. 120 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްކޮށްލާފައިވާއިރު، އިންފްރާސްޓަކްޗަރ ގާއިމް ކުރުމުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.
ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހައުސިން މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންވިކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މި އަހަރުގެ ބަޖެޓު ބޯހިޔާވަހި ކަމަށް ޚާއްސަ ކުރި ނަމަވެސް އެންމެ ފްލެޓެއް އަޅުމުގެ އަމަލީ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އައްޑޫ ސިޓީ އަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ފްލެޓު އެޅުމަށް މި އަހަރުގެ ކުރީކޮޅު އިއުލާން ކުރި ކަމަށާއި، މިއަދާ ހަމައަށް އޭގެ އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ. އެ ފްލެޓުތައް އަޅަން ނިންމީ އައްޑޫ ކޮން ހިސާބެއްގައި ކޮން ސަރަހައްދެއްގައި ކަމެއް ނޭނގޭ ކަމަށާއި، އެކަމުގެ މައުލޫމާތު އެނގޭ އެއްވެސް ރައްޔިތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ރަށްރަށު ވެސް އަދަދުތައް ޖަހާލާފައި މަރަދޫގައި 100 ޔުނިޓޭ، ހިތަދޫގައި 500 ޔުނިޓޭ، މިގޮތަށް ނަންބަރުތައް ކިޔާފައި ޖަހާދީފައި ރައްޔިތުން އެއަށް ބޭސް ކޮށްފައި ވޯޓު ދީފައި މިވަނީ. އެހެން ނަމަވެސް މިހުރިހާ ކަމެއް ނުކޮށް މުޅި ދައުރު މި ނިންމާލަނީ އަޅުގަނޑުމެން މިއަހަރު ބަޖެޓު ދިރާސާ ކުރަމުން ގެންދިޔައިރު ވެސް އަދި ބަޖެޓަށް ވާހަކަ ދައްކަމުން ދިޔައިރު ވެސް މި ބޭފުޅުން ވާހަކަ ދައްކަމުން ދިޔައީ މި ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެކޭ. އެ ބަޖެޓު ގައި ބޮޑު އެލޮކޭޝަނެއް އެބަވޭ. އަޅުގަނޑު ހަނދާންވާ ގޮތުގައި 1.8 މިލިއަން ރުފިޔާގެ އެލޮކޭޝަނެއް އެބަ އިދޭ ހައުސިންގއަށް. އަޅުގަނޑުމެން ކުރަމުންދިޔަ ސުވާލަކީ މިއީ ކޮންތަނެއް ގައި އަޅާ ކޮން ގެދޮރުވެރި ކަމެއް ކޮށްދޭން ކުރާ ކަމެއް ހޭ. މިއީ ކޮން ބަޖެޓެއް ހޭ. ރާއްޖޭގައި ތިމަންނަމެން ވީ ވައުދު ފުއްދަން މީހުންނަށް ގޯތި ދީ ފްލެޓުތައް އަޅަންށޭ. އެހެން ނަމަވެސް އަހަރު ނިމިގެން މިދަނީ އަދި އެންމެ ފްލެޓެއް ވެސް ނޭޅޭ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މެންބަރު އަހުމަދު ދީދީ ވިދާޅުވީ ހައުސިން މަޝްރޫއުތަކާ ގުޅިގެން މިއަދު ރައްޔިތުން ތިބީ ވާނުވާ ގައި ކަމަށެވެ. މި ސަރުކާރުގެ ބޭފުޅުން ދައްކަވާ ވާހަކަ އާއި އަމަލު ދިމާ ނުވާނެ ކަމަށާއި، މިހާތަނަށް މިކަން ރައްޔިތުންނަށް ވަރަށް ސާފު ވެފައިވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ، މަގޭ ގޯއްޗާއި ފްލެޓު ކޮބައިތޯ ސުވާލުކޮށް މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
