ތައިލެންޑް އާއި ކެމްބޯޑިއާއާ ދެމެދު ކުރަމުން އައި ހަނގުރާމަ ހުއްޓާލައި، ސުލްޙައިގެ އެއްބަސްވުމުގައި ދެ ޤައުމުން ވެސް ސޮއި ކޮށްފި އެވެ.
މެލޭޝިޔާގައި ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ޓްރަމްޕް މެލޭޝިޔާ އަށް ވަޑައިގެންނެވީ އާދީއްތަ ދުވަހު އެވެ.
ސުލްޙައިގެ އެއްބަސްވުމުގައި ތައިލެންޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ބޮޑު ވަޒީރު އަނުތިން ޗަންވިރަކުލް އެވެ. އަދި ކެމްބޯޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ޤައުމުގެ ބޮޑު ވަޒީރު ހުން މަނެޓް އެވެ. މިއަހަރުގެ ތެރޭގައި ދެ ޤައުމުގެ ސަރަހައްދީ އިމުގައި ހިނގި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ޓްރަމްޕް އާއި މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވެސް ވަނީ ސޮއި ކުރައްވައިފަ އެވެ.
ކެމްބޯޑިއާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެގައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަަށުން ކެމްބޯޑިއާގެ 18 ރައްޔިތުން މިނިވަން ކުރެވޭނެ ކަމަށެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ދެ ޤައުމުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްބަސްވެފައި ވަނީ ޓްރަމްޕްގެ މެދުވެރިކަމާ އެކު އެވެ.
މެލޭޝިޔާގެ ފޮރިން މިނިސްޓަރު މުޙައްމަދު ޙަސަން ވިދާޅުވެފައި ވަނީ، އައު އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ސަރަހައްދީ އިމުގެ ސަރަހައްދުގައި އާސިއާންގެ އޮބްޒާވަރުން ބޭތިއްބުމަށް ނިންމާފައިވާ ކަމަަށެވެ. އަދި ދެ ޤައުމުން ވެސް ބޮޑެތި ހަތިޔާރުތައް އެ ސަރަހައްދު ތަކުން ނަގަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަސްރަހު ދިރަސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ މި ދެ ޤައުމުގެ ދެމެގައި ފުރިހަމަ ސުލްޙަވެރި އެއްބަސްވުމެއް އަދިވެސް ނެތެވެ. ނަމަވެސް، މިފަހަރު ސޮއި ކުރެވުނު އެއްބަސްވުމަކީ އެކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.