Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2025 | އާދީއްތަ 12:19
މެލޭޝިޔާ އަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ބޮޑު ވަޒީރު އަންވަރު، ޓްރަމްޕް އަށް މަރުޙަބާ ދަންނަވަނީ
މެލޭޝިޔާ އަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ބޮޑު ވަޒީރު އަންވަރު، ޓްރަމްޕް އަށް މަރުޙަބާ ދަންނަވަނީ
ރޮއިޓަރސް
އެމެރިކާ-މެލޭޝިއާ
މެލޭޝިޔާ އިން ޓްރަމްޕް އަށް ރަތް ދޫލައިގެ މަރުޙަބާއެއް
އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު އެއާ ފޯސް ވަން، ކުއަލާލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މެލޭޝިޔާގެ އެފް-18 ދެ ޖެޓު އެސްކޯޓު ކޮށްގެންނެވެ. އެއާއެކު މެލޭޝިޔާ އިން ޓްރަމްޕް އަށް ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވާފައިވާއިރު، ޓްރަމްޕް އަށް މަރުޙަބާ ދެންނެވީ މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް އެވެ.

އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެލޭޝިޔާ އަށް ވަޑައިގެންނެވުމާ އެކު، އެ ޤައުމުން ޓްރަމްޕް އަށް ހޫނު މަރުޙަބާއެއް ދަންނަވައިފި އެވެ.

މެލޭޝިޔާގެ ވެރި ރަށް ކުއަލާލަމްޕޫރުގައި އެމެރިކާ-ޗައިނާ ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިން ޕިންއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މެލޭޝިޔާ އަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޗައިނާގެ ރައީސް އާއެކު ވަރަށް ފުރިހަމަ އެއްބަސްވުމަކަށް އައުމުގެ އުންމީދު އޮތް ކަމަށެވެ. އަދި ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ސައްތައިން ސައްތައިގެ ޓެރިފް ތަކުން ސަލާމަތް ވުމަށް ޗައިނާ އިން އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު އެއާ ފޯސް ވަން، ކުއަލާލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މެލޭޝިޔާގެ އެފް-18 ދެ ޖެޓު އެސްކޯޓު ކޮށްގެންނެވެ. އެއާއެކު މެލޭޝިޔާ އިން ޓްރަމްޕް އަށް ރަތް ދޫލައިގެ މަރުޙަބާއެއް ދަންނަވާފައިވާއިރު، ޓްރަމްޕް އަށް މަރުޙަބާ ދެންނެވީ މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް އެވެ. ޓްރަމްޕް އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ވަނީ ޚާއްސަ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މެލޭޝިޔާ އަށް ވަޑައިގެންނެވުމަށް ފަހު އާސިއާން ސަމިޓަށް ޓްރަމްޕް ވަޑައިގެންނެވީ އަންވަރު އާއެކު އެވެ. ދެ ބޭފުޅުން ވަޑައިގެންނެވީ އެމެރިކާގެ ރައީސްގެ ރަސްމީ ކާރު ކޮޅު ކަމަށްވާ "ދަ ބީސްޓު"ގަ އެވެ. މި ސަމިޓުގައި އެމެރިކާ އިން މެލޭޝިޔާއާ އެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް ބެލެވިފައިވެ އެވެ.

މި ދަތުރުފުޅުގައި ޓްރަމްޕް ބައެއް އެހެން ޤައުމު ތަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އެގޮތުން ޖަޕާން، ދެކުނު ކޮރެއާ އަދި އޭޝިއާގެ އެހެން ޤައުމު ތަކަށް ވެސް ޓްރަމްޕް ވަޑައިގަންނަވާނެ އެވެ. މިއީ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން އޭޝިއާ ސަރަހައްދަށް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް