އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، ސުލްޙައިގެ ސަމިޓުގައި ބައިވެރިވުމަށް ދުނިޔޭގެ ލީޑަރުން މިޞްރަށް ވަޑައިގެންެފި އެވެ.
މިޞްރުގެ ޝަރަމް އަލް ޝައިޚްގައި އޮންނަ މި ސަމިޓުގައި ޖުމުލަ 20 އަށް ވުރެ ގިނަ ޤައުމު ތަކުގެ ލީޑަރުން ބައިވެރިވާނެ އެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ޗެއާ ކުރައްވާ ސަމިޓެކެވެ.
ސަމިޓު އޮންނަ ޝަރަމް އަލް ޝައިޚް އަކީ ޓްރަމްޕް ހުށަހެޅުއްވި ޕްލޭންގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ރިސޯޓެވެ. މިޞްރު، ޤަތަރު އަދި ތުރުކީ މެދުވެރި ވެގެން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުން ވަނީ ހަނގުރާމަ ހުއްޓާޅުމަށް އެއްބަސްވެފަ އެވެ.
މިޞްރުގެ ރިޔާސީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މި ސަމިޓުގެ މައިގަނޑު މަޤުސަދަކީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމާލުމާއި، މެދު އިރުމަތީގެ ސުލްޙަ އަދި ހަމަ ޖެހުން ޤާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ޚަރުދަނާކޮށް، ސަރަހައްދީ އަދި ސަލާމަތީ ރައްކާތެރި ކަމުގެ އައު ދައުރެއްގެ ފެށުމަށް ހެދުމެވެ.
މި ބައްދަލުވުމުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބައިވެރިވާނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ވެސް ސަމިޓުގައ ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އިތުރުން އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވެސް ބައިވެރިވާނެ ކަމަށް ހާމަ ކޮށްފައިވެ އެވެ.
ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ހުސާމް ބަދްރާން އޭއެފްޕީ އަށް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ހަމާސް އިން ބައިވެރި ނުވާނެ އެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކުރީގެ މަޝްވަރާ ތަކުގައި ވެސް ހަމާސް އިން މުއާމަލާތް ކޮށްފައި ވަނީ ޤަތަރު އަދި މިޞްރުގެ މެދުވެރިންނާ އެކު އެވެ.
މި ސަމިޓަކީ ގައްޒާގެ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތް ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތް ކަމަށް ބެލެވެ އެވެ. މި ބައްދަލުވުމުން ކުރިއަށް އޮތް ދުވަސް ތަކުގައި ސަރަޙައްދުގެ ސުލްހަ އާއި ސަލާމަތަށް އިޖާބީ ބަދަލު ތަކެއް އަންނާނެ ކަމަށް ގިނަ ފަރާތް ތަކުން އުންމީދު ކުރެ އެވެ.