Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 17:50
ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ
ރައްޔިތުންގެ މަޖިލިސް
އައިޝަތު އަލީ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
ސްވިފްޓް އިންޖިނިއަރިންގ އިން ކުރަމުންދިޔަ 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓްގެ ވެލިއުއަށް ފެތޭގޮތަށް 5 ޕްރޮޖެކްޓް ދީފައިވަނީ ދައުލަތަށް ގެއްލުން ނުވާ ގޮތަށް

ސްވިފްޓް އިންޖިނިއަރިން އަށް ބަދަލުދިން ކަމަށް ބުނާ މައްސަލައިގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފިއެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހާޒިރުމަށް އަންގާ އޭސީސީ އިން އަމުރު ފޮނުވީ ހޯމަ ދުވަހުއެވެ. އެ މައްސަލައިގައި ބުނެފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އަލްޓަރނޭޓް ޑިސްޕިއުޓް ރެސޮލިއުޝަން ކޮމިޓީ އިން ނިންމި ނިންމުމުގައި އައިޝަތު އަލީ ބައިވެރިވެފައިވަނީ އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އައިޝަތު އަލީއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތުގައެވެ. އަދި އައިޝަތު އަލީގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާތީ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ކުރާ ތުހުމަތުގައި ހާޒިރުކުރާ ކަމަށް އަމުރުގައިވެއެވެ.

އައިޝަތު އަލީ ހާޒިރުވާން އަންގާފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ 9:30 އަށެވެ. މި މައްސަލައިގައި ހޯމަ ދުވަހު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އޭގެ ކުރިން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

ސްވިފްޓް އިންޖިނިއަރިން އަކީ މި ސަރުކާރަށް ތާއިދުކުރާ އަދި ޕީއެންސީގެ މަޖިލިސް މެންބަރެއް ކަމުގައިވާ ސައުދުﷲ ހިލްމީގެ ކުންފުންޏެކެވެ. މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ ސްވިފްޓް އިންޖިނިއަރިން އިން ކުރަމުންދިޔަ 6 ޕްރޮޖެކްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓް އިން ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނޫނީ ޕްރޮޖެކްޓްތޯ ކުރީ ސަރުކާރުގައި ސެޓްލްމަންޓް ކޮމިޓީއަށް ހާޒިރުކޮށް އެހުމުން ސައުދުﷲ އެދުނީ ފައިސާގެ ބަދަލުގައި ވަކިކުރި ޕްރޮޖެކްޓްތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓް ތަކުގެ އަގަށް ފެތޭ ގޮތަށް ޕްރޮޖެކްޓް ދިނުމަށެވެ. އެހެންކަމުން ސްވިފްޓްއަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައިނުވާ ކަމަށާއި، އެކަމަކު ވަކިކުރި 6 ޕްރޮޖެކްޓް ގެ ތެރެއިން 4 ޕްރޮޖެކްޓްގެ ވެލިއުއަށް ފެތޭގޮތަށް 5 ޕްރޮޖެކްޓް ދީފައިވާ ކަމަށެވެ.

އަނެއް ދެ ޕްރޮޖެކްޓް އަށް ބަދަލެއްގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓެއްވެސް ދީފައި ނުވާ ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވަނީ ފައިދާ ކަމަށް މެންބަރު ސައުދު ވިދާޅުވިއެވެ. އަދި ކޯޓަށް ދިޔަނަމަ ބޮޑު އެއްޗެއް ސްވިފްޓަށް ދޭންޖެހުނީސް ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.

ސައުދުﷲ ގެ ކުންފުނިން 6 ޕްރޮޖެކްޓް އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނަވައިގެންނެވެ.

- ކޮމެންޓް