Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 06:18
ށ. ފޭދޫ ކައުންސިލުން ރައީސް މުއިއްޒު އާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ށ. ފޭދޫ ކައުންސިލުން ރައީސް މުއިއްޒު އާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ފައިސާ ނުދެއްކުން
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
ށ. ފޭދޫ ކައުންސިލް ރައީސްއާއި ކޮންޓްރެކްޓަރާ ދެމެދު ކުރެވުނު ފޯނު މުއާމަލާތުގެ ރެކޯޑިން މީސްމީޑިއާގައި ދަނީ ދައުރުވަމުން
އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓާކަން ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުން
ކޮންޓްރެކްޓަރަށް ފައިސާ ނުދެވުމަކީ ހިތާމަ އެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ

ސަރުކާރުގެ ފަރާތުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރި ކޮންޓްރެކްޓަރަށް ފައިސާ ނުދެވި ވާކަން ހާމަވެއްޖެއެވެ.

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސް ޖެހުމުގެ މަސައްކަތް ނިމިފައިވާތާ 8 މަސް ދުވަސް ވަނީ ވެފައެވެ. ށ.ފޭދޫ ކައުންސިލް ރައީސް އަހުމަދު ރައިޝަމް އާއި އެ މަސައްކަތް ކުރި ކޮންޓްރެކްޓަރާއި ދެމެދު ކޮށްފައިވާ ފޯނުކޯލެއް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފައެވެ. އެ ކޯލަކީ ކޮންޓްރެކްޓަރަށް ފައިސާ ނުލިބި ލަސްވާތީ ސުވާލުކުރުމަށް ކައުންސިލާއި ފޯނުން ކުރި މުއާމަލާތުގެ ރެކޯޑިންއެކެވެ.

އެ ކޯލް އިން އެނގޭ ގޮތުން މަސައްކަތް ނިމުނުތާ ގިނަ ދުވަސްތަކެއް ވީ އިރު ވެސް ކުރި މަސައްކަތަށްވާ ފައިސާ ކޮންޓްރެކްޓަރަށް ދިނުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ.

އެކަމާއި މެދު ކޮންޓްރެކްޓަރ ސުވާލުކުރުމުން ކައުންސިލުން ބުނެފައި ވަނީ ކޮންޓްރެކްޓަރަށް ފައިސާ ނުދެވި ވަނީ އެ މަސައްކަތަށް ވާ ފައިސާ ސަރުކާރުން ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. އެގޮތުން ތަކުރާރުކޮށް ކުރި މަސައްކަތަށް ފަހު ވެސް މިހާތަނަށް ސަރުކާރުން އެ ފައިސާ ޖަމާކޮށްފައި ނުވާތީ މަސައްކަތަށް ވާ އަގު ނުދެވެނީ ކަމަށް ކައުންސިލުން ވަނީ ކޮންޓްރެކްޓަރަށް އަންގާފައެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ކައުންސިލަށް ފައިސާ ޖަމާކޮށްދީފައި ނުވާތީ ކޮންޓްރެކްޓަރަށް ފައިސާ ލިބިފައި ނުވާތީ ކޮންމެ ދުވަހަކު ވެސް ފިނޭންސް މިނިސްޓްރީ އަށް ގުޅާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ކޮންޓްރެކްޓަރަށް ނުދީ ވަނީ މި މަސައްކަތުގެ ފަހު ޕޭމެންޓެވެ. ކައުންސިލުން ބުނީ ޕޭމެންޓް ހޯދަން މަސައްކަތް ކުރާ ކަމަށާއި ފިނޭންސް މިނިސްޓްރީން އެކަމާއި އިޖާބަ ނުދޭތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމުގައެވެ. އޮކްޓޯބަރ މަހު 5ގައި ފައިސާ ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ދުވަހު ވެސް ފައިސާ ޖަމާކޮށްދީފައި ނުވެއެވެ. ކޮންޓްރެކްޓަރަށް ފައިސާ ނުދެވުމަކީ ހިތާމަ އެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަމިއްލަ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް މުއިއްޒު ސަރުކާރުން ފައިސާ ނުދޭ ވާހަކަ އަކީ އާންމު ވާހަކަ އެއްކަން ފާހަގަ ކުރެވެއެވެ.

- ކޮމެންޓް