އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވަނީ ބުދަ ދުވަހު އެވެ. އެއީ ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމު ހުއްޓުވުމަށްޓަަކައި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 178 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަަށް 169 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. މި ހުށަހެޅުން ފާސް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި އެންމެ ހަތަރު މެމްބަރުން ތިބި ވާއަތު ފިޔައިގެ ޕާޓީ ޕޮޑެމޮސް އެވެ. އެ ހުށަހެޅުމަށް އެ ޕާޓީގެ ހަތަރު މެމްބަރުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ސްޕެއިންގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އިން ޣައްޒާ އަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ސްޕެއިން އިން ވަނީ އިސްރާއީލް އާއެކު ހަތިޔާރުގެ ވިޔަފާރި ހުއްޓާލައިފަ އެވެ. ނަމަވެސް، ބޮޑު ވަޒީރު ސަންޗޭޒް މިދިޔަ މަހު ވަނީ އެ ހުއްޓާލުމަށް ޤާނޫނީ ގޮތުން ބާރުވެރިކަން ހޯދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ޤާނޫނުގެ ތައާރަފުގައި ބުނެފައި ވަނީ ހަމާސް ޖަމާއަތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ދިން ނުރައްކާތެރި ހަމަލާގެ ޖަވާބުގައި، އިސްރާއީލް އިން ފަަލަސްޠީނުގެ ރައްޔިތުންނަށް ދެމުން އަންނަނީ ލާއިންސާނީ ހަމަލާތަކެއް ކަަމަށާއި، އެއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި މާހިރުން ސިފަ ކުރާ ކަމަށެވެ.
މި ޤާނޫނުގެ ދަށުން އިސްރާއީލް އަށް ދިފާއީ އާލާތްތަކާއި، އުފެއްދުންތަކާއި، ޓެކްނޮލޮޖީ އެކްސްޕޯޓު ކުރުމާއި، އެފަދަ ތަކެތި އިސްރާއީލް އިން އެތެރެ ކުރުން ވެސް މަނާ ކުރެ އެވެ. އަދި ހަނގުރާމައިގައި ބޭނުން ކުރެވިދާނެ ވައިގެ އުޅަނދު ފަހަރުގެ ތެޔޮ އެތެރެ ކުރުމާއި، ޣައްޒާ އާއި ވެސްޓް ބޭންކުގައި ޣައިރު ޤާނޫނީ އާބާދީ ތަކުން އަންނަ އުފެއްދުން ތަކުގެ އިޝްތިހާރު ކުރުން ވެސް މަނާ ކުރެ އެވެ. ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ މި ނިންމުމަށް އިސްރާއީލް އިން ވަނީ ފާޑު ކިޔައިފަ އެވެ.
އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެއް ޤައުމަކީ ސްޕެއިން އެވެ. ސްޕެއިން އިން ވަނީ ފަލަަސްޠީނުގެ މިނިވަން ދައުލަތް ވެސް ބަލައި ގަންނަން ނިންމައިފަ އެވެ. އަދި ސްޕެއިންގެ ބޮޑު ވަޒީރު ސަންޗޭޒް ވަނީ، ބައިނަލްއަޤުވާމީ ކުޅިވަރު މައިދާނުން އިސްރާއީލް އެކަހެރި ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.