Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2025 | ބުދަ 10:32
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މަޖިލީހުގައި (ފައިލް ފޮޓޯ)
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މަޖިލީހުގައި (ފައިލް ފޮޓޯ)
މަޖިލިސް
މަޖިލީސް
ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާ!
މެންބަރު ކުޑޫގެ ސުވާލުތަކަށް އިހުސާން ޖަވަބު ފޮނުވީ 2 މަސް ފަހުން
މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަ އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައެއް ނުވޭ
ރައީސް މުއިއްޒު އަންގަވާފައިވާ ފިޔަވަޅުތައް އެޅުމަށް އަދިވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނުވޭ

އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ފާހަގަކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގެ ފަރާތުން ޖަވާބެއް ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސުވާލު ހުށަހަޅުއްވިތާ 2 މަސް ފަހުން، މިނިސްޓަރު އިހުސާން ލިޔުމުން މަޖިލީހަށް ފޮނުވި ޖަވާބުގައި ވިދާޅުވީ، ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފިޝަނަަލް ސްޓެންޑާޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާފައި ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަަސައްކަތް ކުރިއަށް ދާކަމަށެވެ. އެހެން ނަމަވެސް މިމައްސަލައިގައި މިވީހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

2 މަސް ފަހުން ލިޔުމުން ޖަވާބު ފޮނުވައި އިހުސާން ވިދާޅުވީ ރައީސް އެކުލަވާލި ރިޔާސީ ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އޭގެ އިތުރުން ކޮމިޝަނުގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދޭތޯ، ކުރި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި އިހުސާން ވިދާޅުވީ، އެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރަތްތަކުގެ ތެރެއިން ގ. އެރިޔަދޫ ދާއޫދު އަހުމަދު އާއި ސުވާލުކޮށް ބަޔާން ނެގިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރައުދު އަހުމަދު އާއި ބައްދަލުވި އިތުރު ފަރާތްތަކާއި ސުވަލުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާނު ލިޔުމުން ފޮނުވި ޖަވާބުން ހާމަވާ ގޮތުގައި ރައީސް މުޢިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވަ އެއްވެސް އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އަދި ދާއުދު އަށް ސުވާލުކޮށް ބަޔާން ނަގާފައިވާކަން ފާހަގަކޮށްފައިވާއިރު ދާއުދުގެ ބަޔާނަކީ ރިޔާސީ ކޮމިޝަން އުފެއްދެވުމުގެ ކުރިން ނަގާފައިވާ ބަޔާނެކެވެ. އަދި އޭގެ އިތުރުން ރިޕޯޓުގައި ބުނެފައިވާ ރައުދު އަހުމަދު އާއި ބައްދަލުވި އިތުރު ފަރާތްތަކާއި ސުވާލުކޮށްފައި ނުވާކަން ވެސް އިހުސާނުގެ ޖަވާބުން ހާމަވެ އެވެ.

ޕްރެޝަރ ބޮޑުވެ ރައީސް އުފެއްދެވި ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާއްމުކޮށްފައިވަނީ 17 ޖޫން 2025 ގައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު އަންގަވާފައިވާއިރު ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަކުރެވެ އެވެ.

- ކޮމެންޓް