Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 17:12
މީޑިއާ ކޮންޓްރޯލްކުރާ ބިލު ދިރާސާ ކުރާ ކޮމިޓީން ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ
މީޑިއާ ކޮންޓްރޯލްކުރާ ބިލު ދިރާސާ ކުރާ ކޮމިޓީން ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލު
މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރަން އުފައްދާ އައު ކޮމިޝަނަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް މީޑީއާތަކުން މާ ބޮޑު ޝައުގެއް ނެތް
މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށް
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ 400 އެއްހާ ފަރާތުގެ ތެރެއިން ރަޖިސްޓަރީ ވެފައިވަނީ 190 ފަރާތް
މީޑިއާ ކޮމިޝަނަށް މެންބަރުން ހޮވުމަށް ބޭއްވޭ އިންތިޚާބަށް ކުރިމަތިލާން ޖެހޭ އަދަދަށް ވެސް ކެންޑިޑޭޓުން ހަމައެއް ނުވޭ

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް އެކުލަވާލި ގާނޫނުގެ ދަށުން އުފައްދާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާ މަންދޫބުން ހޮވުމަށް ބާއްވާ އިންތިޚާބަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ކަން ހާމަ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު އެ ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއު ކުރި ބަޔާނެއްގައިވާ ގޮތުން، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި، އެހެނިހެން މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުޞަތު ހޯމަ ދުވަހުގެ ރޭ 12:00އަށް ހަމަވިރު ރަޖިސްޓަރީ ވުމަށް ހުށަހަޅާފައިވަނީ 190 ފަރާތަކުންނެވެ.

އެހެން ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާ ތަކުން ވޯޓުލުމުގެ ފުރުސަތު އޮތް 400 އެއްހާ ފަރާތް ހިމެނޭ އިރު ރަޖިސްޓަރީ ވެފައިވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ ދަށް އަދަދެކެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ނިމިދިޔަ މީޑިއާ ކައުންސިލް އިންތިޚާބަށް ވުރެ މި އިންތިޚާބުގައި ވޯޓު ލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ގިނަ ކަމުގައެވެ.

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުން އޮކްޓޫބަރު 2 ވީ ބުރާސްފަތި ދުވަހުން ފެށިގެން އޮކްޓޫބަރު 6 ވީހޯމަ ދުވަހާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލަށް އުފައްދާ 'މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން'ގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު ފަރާތަކީ މީޑިއާތަކުން އިންތިހާބު ކުރާ ފަރާތްތައް ކަމަށް އެ ގާނޫނު ގައި ބުނެފައިވެއެވެ.

މި އިންތިޚާބުގައި ވޯޓު ލެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރީ ވާ ފަރާތްތަކަށް އެކަނި ކަމަށާއި އަދި ކޮންމެ މީހަކަށް ތަމްސީލު ކުރުވޭނީ އެއް މީޑިއާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އަލަށް އުފައްދާ ކޮމިޝަން ގައި މީޑިއާ ތައް ތަމްސީލު ކުރުމަށް 4 މެމްވަރުން ހޮވުމަށް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލުމުން، އިންތިހާބު ކުރަން ޖެހޭ އަދަދަށް ވެސް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ.

އދ. އިންނާއި ބޭރުގެ ކަމާބެހޭ ޖަމްއިއްޔާ ތަކާއި ރާއްޖޭގެ ގިނަ މީޑިއާތަކުން ދެކޮޅު ހަދަމުން ދަނިކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނަށް ހުސްވި މަހުގެ 18ގައި އަމަލު ކުރަން ފެށުމާއެކު، އޭރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލް ވަނީ އުވިފަ އެވެ.

މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ. އަދި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިރިޔާ ސްކޫލުގައެވެ. މި އިންތިޚާބުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުން އިންތިޚާބުކުރާއިރު ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުޞަތު އޮކްޓޫބަރު 04 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ސުންގަޑި ހަމަވި އިރު ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާ ތަކުން އިންތިޚާބަށް ކުރިމަތިލީ ކޮންފަރާތްތަކެއް ކަމެއް ކޮމިޝަނުން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެކަށީގެންވާ އަދަދަށް ކެންޑިޑޭޓުން ކުރިމަތި ލާފައި ނުވާނަމަ ދެން އަމަލު ކުރާނެ ގޮތެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެއެވެ.

- ކޮމެންޓް