އޮކްޓުބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ އެއްވުމުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ވަކިވަކި ފުލުހުންނާއި އެފަރާތްތަކުގެ އާއިލާ މެންބަރުންގެ ޒާތީ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޢާންމުކުރަމުންދާތީ، އެފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްބުނެ ފުލުހުން އިންޒާރު ދީފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ، ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ޤާއިމްކުރުމަށް މަސައްކަތްކުރި ފުލުހުންނާއި އެފަރާތްތަކުގެ އާއިލާ މެންބަރުންގެ އަމިއްލަ މަޢުލޫމާތު ސޯޝަލް މީޑިއާގައި ފެތުރުމުގެ މަސައްކަތް ބަޔަކު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން، އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ނުވަތަ އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު މި ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.
މި ޚިދުމަތުގެ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގައިވެސް ދަންނަވަމެވެ
ފުލުހުން![]()
މީގެއިތުރުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ އެއްވުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެ ފަރާތްތަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އާމުން އަންނަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.